ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މި މަހުގެ 15 އިން 18 އަށް ސޯޝަލް ސެންޓަރުގައި ބާއްވާ ކޮންގްރެސްގައި ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓު ދިނުމަށްޓަކައި 300 އަށްވުރެ ގިނަ މީހުން ގެންނަން ނިންމައިފި އެވެ.

މި މީހުންނަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 21 ވަނަ މާއްދާގެ ހަވަނަ ނަންބަރުގެ ދަށުން، ޕާޓީގެ މެންބަރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޕާޓީގެ ރައީސް ކަނޑައަޅުއްވާ މެންބަރުންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގެންނަ މީހުންނެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހުން ގެންނަނީ ކޮންގްރެސްގައި ވޯޓަށް އަހާ ކަންކަމުގައި ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ވޯޓު ދިނުމަށެވެ.

އެ މީހުން މާލެ ގެނައުމުގެ ހުރިހާ ހަރަދެއް ވެސް ޕާޓީގެ ފަރާތުން ހަމަޖެއްސުމަށް ރައީސް މުއިއްޒު ވަނީ އަންގަވާފަ އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ކޮންމެ ފަސް އަހަރަކުން އެއް ފަހަރު އެ ޕާޓީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް ބާއްވަންޖެހެ އެވެ. މަތީ މަޖިލިސް އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި، ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ އިތުރުން ރަށްރަށުގެ ޒުވާނުންނާއި އަންހެނުންގެ ހަރަކާތްތަކުގެ ވެރިންގެ މައްޗަށެވެ.

މި ފަހަރުގެ ކޮންގްރެސްގައި ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް މީހުން އައްޔަނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަސާސީ ގަވާއިދު ބުނާ ގޮތުން، ޕާޓީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކީ އިންތިހާބަކާ ނުލައި މަތީ މަޖިލީހުގެ މެންބަރެކެވެ.

މަތީ މަޖިލީހަށް އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުތަކަށެވެ. ހަ ނައިބު ރައީސުން އިންތިހާބުކުރަން ޖެހޭއިރު، އެ މަގާމަށް އަށް ބޭފުޅަކު ކުރިމަތިލައްވާނެކަން މިހާތަނަށް ވަނީ އިއުލާނުކުރައްވައިފަ އެވެ.