ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ސްޓެލްކޯއިން އެޅި ދެ ޓަވަރުގައި ހިމެނޭ އެއް ކޮޓަރީގެ 144 ފްލެޓު ގަންނަން ސަރުކާރުން ގަންނަން ބޭނުންނުވިކަން ހާމަވެއްޖެ އެވެ.

މިކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓެއްގަ އެވެ.

ސްޓެލްކޯއިން ހިންގި މި މަޝްރޫއުގެ ދަށުން އަޅާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން ކޮންމެ ޓަވަރެއްގެ ފުރަތަމަ ހަތަރު ފަންގިފިލާގައި އަޅާފައިވާ ޓަވަރުތަކަކީ ސަރުކާރަށް ކަނޑައަޅާފައިވާ އަގަކަށް ވިއްކަން ޖެހޭ ފްލެޓުތަކެއްކަން އެސްއީއޯ ކޮމިޓީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން 72 ފްލެޓެއް ސަރުކާރަށް ވިއްކަން ޖެހޭ ކަމަށް އެ ކޮމިޓީ ރިޕޯޓްގައިވެ އެވެ. ސަރުކާރަށް 72 ފްލެޓް ގަނެވެން އޮތްއިރު، އެ ފްލެޓްތައް ނުގަތުމަށް ނިންމާފައިވާކަން ވެސް ރިޕޯޓުން ހާމަވެ އެވެ.

ސަރުކާރު ކުންފުނިތަކުން ބިނާކުރި ފުލެޓުތަކުގެ ތެރެއިން ކުރީ ސަރުކާރުން ގަންނަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކަކީ އަލަތު ކާވެނިކުރި ފަރާތްތަކަށް އަދި އެ ނޫންވެސް ބައެއް ފަރާތްތަކަށް ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރުމަށް ހާއްސަކޮށް، އެ ފްލެޓުތަކުގެ ލިޔުން ވެސް ހަވާލުކޮށްފައިވާ ފުލެޓުތަކެއް ކަމުގައިވާއިރު، މި ސަރުކާރުންދަނީ އެ ފްލެޓުތައް ބޭނުންނުވާ ކަމަށް ކުންފުނިތަކަށް އަންގަމުންނެވެ.

އެއް ކޮޓަރީގެ ފުލެޓުތަކާއި ގުޅޭގޮތުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ޖުލައި 7، 2020 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބުނެފައިވަނީ އެއް ކޮޓަރީގެ އެއްވެސް ފުލެޓެއް އަޅާފައި ނެތް ކަމަށެވެ. ނަމަވެސް އޭރުވެސް ހުޅުމާލޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެއްބައި ފުލެޓުތަކުގެ ސްޓްރަކްޗާ ވަނީ ނިމިފަ އެވެ. އާންމު ބައެއް ފަރާތްތަކުން ވަނީ އެ އިމާރާތްތަކުގެ ފޮޓޯތައް އެ ދުވަހު މީސްމީޑިއާގައި ހިއްސާކޮށްފަ އެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުން ފެށި މަސައްކަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުނިތަކުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލެވިގެން ފެށުނު މަސައްކަތެކެވެ. އެގޮތުން އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ކޮންމެ ކުންފުންޏަކުން ބިނާކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ އެއް ކޮޓަރީގެ އެޕާޓުމެންޓްތަކެވެ.

އެ އެޕާޓްމެންޓްތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށެވެ. އަދި އެ ޔުނިޓުތަކަކީ ހިޔާ މަޝްރޫޢުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރެވެ. އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުސޫލެއްގެ ތެރެއިންނެވެ.

ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓްމަންޓްތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ޚަލާސްކުރާ ގޮތަށް ފްލެޓް ހައްގުވާ ފަރާތްތަކަށް ދިނުމެވެ. ދެވަނަ ގޮތަކީ ރައީސް ޔާމީނުގެ އިސްނެންގެވުމަށް އެއިރުގެ ސަރުކާރުން އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތައާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ހައްގުވެރިންނަށް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުމެވެ. މިއިން ކޮންމެ ގޮތަކަށް ވިއްކި ނަމަވެސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެކެވެ. އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3،000 ރުފިޔާއާއި 4،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.