ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ބޭރުގެ ކަމާ ގުޅުންހުރި ތަޖުރިބާކާރުންނާއެކު ޑޭޓާ ފޯރަމެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ނިންމައިފި އެވެ.

މީ ތަފާސްހިސާބު ބޭނުންކޮށްގެން ޓޫރިޒަމް މާކެޓްކޮށް ކުރިއެރުވުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބާއްވާ ފޯރަމެއްކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ

މި ފޯރަމް މި މަހުގެ 16 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވަން ހަމަޖެހިފައިވާއިރު، އެކޯޕަރޭޝަނުން މިހާރު ވަނީ މި ފޯރަމްގައި ރަޖިސްޓްރީވުމަށް ހުޅުވާލާފަ އެވެ.

އެމްއެމްޕީއާރުސީން މި ފޯރަމް ބާއްވަނީ "އެމްބްރޭސިންގް ޑޭޓާ ފޮރ ޑެސްޓިނޭޝަން ސަކްސެސް" ނުވަތަ ތަފާސްހިސާބުގެ އަލީގައި ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލަކަށް ދަތުރުކުރުން މި ޝިއާރުގެ ދަށުންނެވެ.

އީ-ޓޫރިޒަމް ފްރޮންޓިއާސްއާ ގުޅިގެން ބާއްވާ ޑޭޓާ ފޯރަމް 2024 ގައި މެލްޓްވޯޓާ، އަމަޑިއަސް، އަދާރާ، ޓްރިޕްއެޑްވައިޒާ، ޓޫރިޒަމް އިކޮނޮމިކްސް އޮކްސްފޯޑް، ފޯވާޑް ކީސް އަދި ޔޫނިއަން ޕޭގެ މަންދޫބުން ހިމެނޭ ގޮތަށް ޓޫރިޒަމް ސިނާއަތުގެ އިސްވެރިންނާއި ތަފާސްހިސާބު އެއްކޮށް ދިރާސާކުރުމުގެ ތަޖުރިބާކާރު ފަރާތްތައް ބައިވެރިވެ އެ މީހުންގެ ހުނަރާއި ތަޖުރިބާ ހިއްސާކުރާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީން ބުނީ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ފަހުގެ ބަދަލުތައް ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކާމިޔާބު ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދުނިޔޭގައި ދެމެހެއްޓުމަށް އެހީވެދޭނެ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭ ހަރަކާތަކަށް މި ހަރަކާތް ވާނެކަމަށެވެ.

މި ހަރަކާތާއި ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ދެމެހެއްޓުމަށްޓަކައި އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގައި ޑޭޓާ ފޯރަމަކީ ފަތުރުވެރިކަމުގެ ސިނާއަތްތެރިންނަށް ހޯދައިދެވޭ ވަރަށް ބޭނުންތެރި ޕްލެޓްފޯމެއްކަމަށެވެ. އަދި މި ފޯރަމްގައި ދުނިޔޭގެ މަޤުބޫލު ކުންފުނިތަކުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ.