ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ފުރަތަމަ ބަދަލަކީ ކުއްލި ބަދަލަކަށްވުމުގެ އިތުރުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ގެނުވި ބަދަލެއް ކަމުގައި ބައެއް މީހުންނަށް ހީވި ކަމުގައި ވިޔަސް އެ ބަދަލަކީ އަންނާނެ ކަމަށް ގިނަބަޔަކު އިންތިޒާރު ކުރަމުން އައި ބަދަލެކެވެ.

ރައީސް ނިއު ޔޯކަށް ވަޑައިގެން އދ. ގެ ޖެނެރަލް އެސެމްބްލީ އާއި ސަލާމަތީ މަޖުލީހުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފަހު އެނބުރި ވަޑައިގެންނެވުމާ އެކު ކެބިނެޓަށް ގެންނެވި ބަދަލަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ކެބިނެޓަށް އައި ފުރަތަމަ ލޮޅުމެވެ. އެ ލޮޅުމުގައި ވަޒީރުންގެ މަޖިލީހުގެ އެންމެ ޚައްސާސް މަގާމުގައި ހުންނެވި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ކެބިނެޓުން ވަކިކޮށްފަ އެވެ. އެމަނިކުފާނަކީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲގެ ވަރަށް ގާތް ބޭފުޅެކެވެ.

ކެބިނެޓު ބައްދަލުވުމެއްގައި މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގުތިސާދީ ހާލަތު ދުވަހަކު ވެސް ވެއްޓިފައި ނުވާފަދަ ދަށު ދަރަޖައަކަށް ވެއްޓި ބޭރު ފައިސާގެ މުއާމަލާތް ކުރުން ގާތްގަނޑަކަށް ހުއްޓޭފަދަ މިންވަރަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި، މާލީ ވަޒީރު ވަކިކުރުމުން ދޭހަވާ އެންމެ ބޮޑު އެއް މާނައަކީ ދައުލަތުގެ މާލީ ސިޔާސަތު ކުރިޔަށް ގެންދަން ދަތިވެފައިވާ ކަމެވެ.

ޑރ. ޝަފީގަކީ މާލީ ވަޒީރު ކަމަށް އެންމެ އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް އެންމެ ފުރަތަމަ ވެސް ފާޑު ކިޔުންތެރިން ގެންދިޔައީ ބުނަމުންނެވެ. ސަބަބަކީ އެފަދަ މިނިސްޓްރީއެއް ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއް ކަމުގައި ނުވުމެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު އިސްކުރެއްވީ އެމަނިކުފާނުގެ އޭރުގެ ޕޮލިޓިކަލް އެޑްވައިޒަރު އަބްދުއްރަހީމް ބޭނުންފުޅުވެ ވަޑައިގެންނެވި ބޭފުޅަކަށް މަގާމު ދެއްވުމަށެވެ. އެހެންކަމުން ފިނޭންސް މިނިސްޓްރީއަށް ޝަފީގު އައްޔަން ކުރެއްވުމަށް ފަހު، ވަޒީރުންގެ ފެންވަރުގައި، ތަޖުރިބާކާރު ބޭފުޅުންކޮޅެއް އެމަނިކުފާނުގެ އެޑްވައިޒަރުންގެ ގޮތުގައި ލެއްވި އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އައްޑޫ ސިޓީގެ ތަންތަން ބައްލަވައިލައްވަނީ --- ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ރައީސް މުއިއްޒުގެ ކެބިނެޓުގައި ތަޖުރިބާއެއް ނެތް، މަގާމަށް އެކަށީގެން ނުވާ ގިނަބަޔަކަށް އިސް މަގާމުތައް ދެއްވައިފައިވާ ކަމުގެ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ލިސްޓަށް ބަލާއިރު ގިނައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ އާއިލީ އަދި ގާތް ބޭފުޅުންނެވެ. ޚާއްސަކޮށް އަބްދުއްރަހީމްގެ ދަރިކަލުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ފާޑުކިއުން އަމާޒުވެފަ އެވެ. އެ ފާޑުކިއުންތަކަށް ރައީސް މުއިއްޒު އަޅުއްވައެއް ނުލައްވަ އެވެ. އެއީ މިހާތަނަށް ކަން ހިނގި ގޮތެވެ. އެހެން ނަމަވެސް ކެބިނެޓަށް މިފަހަރު މި ގެންނެވި ބަދަލާއެކު އެ ހަގީގަތް ބަދަލުވާން އުޅޭކަމުގެ އަޑުތައް މިހާރު ވަނީ ފެތުރިފަ އެވެ.

ރައީސް މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވުމުގެ ދުވަސްކޮޅެއް ކުރިން ޕީއެންސީގެ ލީޑާޝިޕްގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް އަބްދުއްރަހީމާއި މުއިއްޒުގެ ސަޕޯޓަރުންގެ މެދުގައި ކޯޅުންގަނޑެއް ހިނގިކަން މީޑިއާތަކަށް ވަނީ ތިލަވެފަ އެވެ. އޭގެ ފަހުން ފެތުރިގެން ދިޔަ ޚަބަރަކީ ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް އަބްދުއްރަހީމުގެ ގާތް މީހުން ހޮވުމަށް ލޮބީ ކުރަމުންދާކަމުގެ އަޑެވެ. އެ އަޑާ އެކު އިންތިޚާބު މިހާރު ވަނީ ފަސް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްއަކީ ޑރ. މުއިއްޒު ވެރިކަމަށް ގެންނެވި ބޭފުޅާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ދާދި ފަހަކާ ޖެހެންދެން އަބްދުއްރަހީމަކީ ސަރުކާރުގެ ފަރާތުން އެންމެ ހަރުއަޑުން ވާހަކަފުޅު ދައްކަވަމުން ވަޑައިގެންނެވި ބޭފުޅާއެވެ. ޕޯޑިއަމްތަކާއި ޓީވީ އިންޓަވިއުތަކުގެ އިތުރުން ޅެން ބަހުރުވައިން ވެސް އެމަނިކުފާނު ގެންދެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ހަމަލާދެއްވައި ރައީސް މުއިއްޒަށް ސަނާ ކިއުއްވަމުންނެވެ. އެހެން ނަމަވެސް އެ އަޑު މިހާރު ވަނީ ކެނޑިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޑރ. މުއިއްޒަށް އިހާނެތިކޮށް ކަންތައްކުރެއްވި ކަމަށާއި ބުރިޖުން ލޭނެއް މަދުވުމުގެ ސަބަބުން ޔާމީން މުއިއްޒަށް "ބަވާލި" ކަމުގައި ވިދާޅުވެ ދެއްވި އިންޓަވިއަށް ފަހު އަބްދުއްރަހީމްގެ އަޑެއް ނީވެ އެވެ. އެ އިންޓަވިއުއާ ގުޅިގެން އުފެދުނު ފާޑު ކިއުންތަކަށް ރައްދު ދިނުމަށް ސަރުކާރުގެ އެކި ފެންވަރުގެ ބޭބޭފުޅުން ވަނީ އެތައް ދުވަހެއް ވަންދެން ބުރަކޮށް މަސައްކަތް ކުރައްވައިފަ އެވެ.

ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު އާއި އަބްދުއްރަހީމް ބައިވެރިވަނީ. ފޮޓޯ: ޕީއެންސީ

ކެބިނެޓްގެ އެންމެ މުހިންމު ވަޒީރު ކަމުގައިވާ މާލީ ވަޒީރު، ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކުރައްވައި އެމަގާމަށް ރައީސް މުއިއްޒު ގެންނެވި ބޭފުޅާ އަށް ބަލާ އިރު ހާމަވާ އެއްކަމަކީ އެ ބަދަލަކީ ގާބިލުކަމާއި ފަންނީ ގޮތުން ލިބިފައި ހުރި ތަޖުރިބާ އަށް ބެއްލެވުމަށް ފަހު ގެންނެވި ބަދަލެއް ނޫން ކަމެވެ. މާލީ ވަޒީރު ކަމަށް އަލަށް ގެންނެވީ އެ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް ބޭފުޅެއް ކަމުގައިވާ އެހާތަނަށް ފޮރިން މިންސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ. އެހެންކަމުން ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލަކީ ދައުލަތުގެ މާލީ ސިޔާސަތާއި، އެ ސިޔާސަތު ހިންގުމާ ގުޅުން ހުރިކަމަކަށް ވުރެ ސިޔާސީ ގޮތުން ގެންނެވި ބަދަލެއްކަމުގައި ބެލެވެ އެވެ.

އެ ބަދަލު ނިސްބަތް ވަނީ ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައި ދެއްވި އަބްދުއްރަހީމް އަށެވެ. ކުރިޔަށް އޮތްތަނުގައި އެމަނިކުފާނުގެ އާއިލާގެ އެހެން ބައެއް މެންބަރުން ވެސް ސަރުކާރުން ގެއްލިދާނެކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެ ބަދަލުތައް އައުން އަދި ކުރިއަށް އޮތީކަމުގައި ބެލެވެ އެވެ.