އިޒްރޭލުން ހުއްޓުމެއްނެތި ގާޒާއާ ލުބުނާނަށް ބޮމުގެ ހަމަލާތައް ދެމުން އެބަ ގެންދެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ލުބުނާނުގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކުގައި 37 މީހުން ޝަހީދުވެފައިވާއިރު، 151 މީހުން ޒަހަމްވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ރިޕޯޓްކޮށްފައިވެ އެވެ.

މީ އިޒްރޭލުން މިހާތަނަށް އެ ގައުމަށް ދިން އެންމެ ވަރުގަދަ ހަމަލާތަށްކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ވަނީ 20 ހަމަލާ ލުބުނާނަށް ދީފައިވެ އެވެ. އޭގެ ތެރެއިން އެގާރަ ހަމަލާ އަމާޒުވެފައިވަނީ ލުބުނާނުގެ ވެރިރަށް ބޭރޫތުގެ ދެކުނުގެ އަވަށްތަކަށެވެ.

ހިޒްބުﷲގެ ލީޑަރަށް ވުމުގެ އެންމެ ފުރުސަތުބޮޑުކަމަށް ބެލެވޭ ހާޝިމް ސަފިއްދީނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. ހިޒްބުﷲ އިން 17 އިޒްރޭލު ސިފައިން މަރާލާފައިވާކަމަށް އެ ޖަމާއަތުން ބުނެ އެވެ.

މީގެ އިތުރުން އިޒްރޭލުން ހިފާފައިވާ ގާޒާގެ ހުޅަނގު އައްސޭރީގެ ތުލްކަރެމް ރެފިއުޖީ ކޭމްޕަށް ދިން ޖެޓް ފައިޓާ ހަމަލާއެއްގައި ފަލަސްތީނުގެ 18 މީހަކު ޝަހީދުވެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމާސް ޖަމާއަތުގެ އިސް މީހެއްކަމަށް ތުހުމަތު ކުރެވޭ ޒާހީ ޔާސިރު އަބްދުލް ރަޒީގު އޫފީ މި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.

ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އިދާރާ ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ވިދާޅުވީ ދެ ދުވަހުގެ ތެރޭގައި ގާޒާގައި ހުންނަ އދއިން ހިންގާ ތިން ސްކޫލް ޝެލްޓަރަކަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 21 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

ގަޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި 41،788 މީހުން ޝަހީދުވެ، 96،794 މީހުން ވަނީ ޒަހަމްވެފަ އެވެ.

އިޒްރޭލުގެ ހަމަލާތަކަށް ހަފްތާއެއް ވެފާވާއިރު ލުބުނާނުން ޝަހީދުވި މީހުންގެ އަދަދު 1974 އަށް ވަނީ އަރާފަ އެވެ. ހަމަލާތަކުގައި 9384 މީހުން ޒަހަމްވެފައިވެ އެވެ.