ބްލޮކްބާސްޓާ ކޮމެޑީ ފްރެންޗައިޒެއް ކަމަށްވާ "ހައުސްފުލް" ގެ ފަސް ވަނަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
މިފިލްމުގައިވެސް ގިނަ އަދަދެއްގެ ތަރިން ފެނިގެންދާނެ އެވެ.
"ހައުސްފުލް "ގެ ޝޫޓިން އިނގިރޭސިވިލާތުގައި މިދިޔަ މަހު ވަނީ ފަށާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު މިފިލްމުގެ ބައެއް މަންޒަރުންތައް ނެގުމަށް ކްރޫޒް ޝިޕަކަށް ގޮސްފަ އެވެ. މިކްރޫޒް ޝިޕްގެ ދަތުރަށް 45 ދުވަސް ވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދަތުރަށް ފަހު މިފިލްމުގެ ޝޫޓީންތައް ލަންޑަނާއި ޕެރިސް އަދި ސްޕެއިންގައިވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުރީގެ ހަތަރު ބައިގެ ލީޑް ކާސްޓްގައި ވެސް ހިމެނޭ އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކާ އެކީ "ހައުސްފުލް 5" އިން މި ފަހަރު ފެންނާނެ ތަރިންގެ ތެރޭގައި ޖެކްލީން ފެނާންޑޭޒް، ފަރުދީން ޚާން، ނަރްގިސް ފަޚްރީ، ސަންޖޭ ދަތު، ޑީނޯ މޯރިއާ، ޗިތުރަންގަދާ ސިންގް، ޖެކީ ޝްރޮފް، ޝްރެޔަސް ތަލްޕަޅޭ، ސޯނަމް ބަޖްވާ، ޗަންކީ ޕާންޑޭ، އަބީޝެކް ބައްޗަން، ޖޯނީ ލީވާ އަދި ރަންޖީތުގެ އިތުރުން ވެސް އިތުރު ފަންނާނުންތަކެއް ހިމެނެ އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އަންނަ އަހަރުގެ ޖޫން 6 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ހައުސްފުލް 5" ގެ ޑައިރެކްޓަރަކީ "ދޯސްތާނާ" އާއި "ޑްރައިވް" ގެނެސްދިން ތަރޫން މަންސުކާނީ އެވެ.
"ހައުސްފުލް" ގެ ކޮންމެ ފިލްމެއްގައި އަކްޝޭ ކުމާރާއި ރިތޭޝް ދޭޝްމުކް ހިމެނުނު ނަމަވެސް، ކޮންމެ ފަހަރަކު ވެސް ފިލްމުގެ ލީޑް ކާސްޓަށް ބޮޑު ބަދަލެއް އާދެ އެވެ. ހަތަރު ވަނަ ބައިން ފެނިގެން ދިޔަ ތަރިންގެ ތެރޭގައި ބޮބީ ޑިއޯލް އާއި ކްރިތީ ސެނަން އާއި ކްރިތީ ކަރްބަންދާގެ އިތުރުން ޕޫޖާ ހެގްޅޭ އެވެ.
"ހައުސްފުލް" ފްރެންޗައިޒަކީ ސާޖިދު ޚާން ޑައިރެކްޓްކޮށް ގެނެސްދޭން ފެށި ސީރީޒެކެވެ. މި ސީރީޒްގެ ފުރަތަމަ ދެ ބައި އޭނާ ޑައިރެކްޓްކުރި ނަމަވެސް "ހައުސްފުލް 3" އާއި "ހައުސްފުލް 4" ޑައިރެކްޓްކުރީ ސްކްރިން ރައިޓަރު ފަރުހާދު ސަމްޖީ އެވެ.
ހަތަރު ވަނަ ބައިގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސާޖިދަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން ފިލްމުގެ މަސައްކަތުން އޭނާ އެކަހެރިކޮށް، ފަރުހާދާ ފިލްމު ހަވާލުކުރީ އެވެ.
ހައުސްފުލްގެ ފުރަތަމަ ފިލްމު، 2010 ގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި އަކްޝޭ އާއި ރިތޭޝްއާ އެކު ދެން ފެނުނީ ލާރާ ދައްތާ އާއި ދީޕިކާ ޕަޑުކޯނެވެ. އަދި ފިލްމުގެ ދެވަނަ ބައި 2012 ގައި އަދި ތިން ވަނަ ބައި 2016 ގައި ރިލީޒްކުރިއިރު ފިލްމުގެ ހަތަރު ވަނަ ބައި ނެރުނީ 2019 ގަ އެވެ.
ހައުސްފުލްގެ އެކި ބައިތަކުގައި ފެނިފައި ވަނީ ތިން ފިރިހެނުން ދިރިއުޅުމުގައި ކުރާ މަޖާ ކަންތައްތަކެކެވެ.