ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވައިލުމުގައި އޮސްޓްރޭލިއާއިން ފަންނީ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި އެ ގައުމުގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

ބުރާސްފަތި ދުވަހު ހައުސިން އެންޑް އާބަން ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު .އަލީ ހައިދަރު އަހުމަދެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަަވާ ސަަފީރު ޑޭވިޑް ޖޭސަފެވެ.

އެ އެއްބަސްވުމުގެ ދަށުން ޔޫއެންޑީޕީގެ އިންޓަގްރޭޓެޑް ގަވަނަންސް މަޝްރޫއުގެ ދަށުން 900،000 އޮސްޓްރޭލިއަން ޑޮލަރުގެ އެހީ ދިނުމަށް ހަމަޖެހިފައިވާކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ގައުމީ ތަރައްގީގެ 20 އަހަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުމަށް ނިންމާ އެކަން ރައީސް މުއިއްޒު ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ހުރިހާ ރަށެއްގައި އަދި ކަމާބެހޭ ހުރިހާ ޖަމިއްޔާ ޖަމާއަތްތަކާއި، ސިޔާސީ ޕާޓީތަކާއި، އެކި ދާއިރާތަކުގެ މާހިރުންނާއި، ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް، ބޭރުގެ މާހިރުންގެ ބައިވެރިވުމާއެކު ވަރަށް ފުޅާދާއިރާއެއްގައި މި ޕްލޭނާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.