ޗުއްޓީ ހޭދަކޮށްލުމަށް ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު ރާއްޖެއަށް އަތުވެއްޖެ އެވެ.
މީގެ ކުރިންވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ސޯނަމް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުން ވަނީ ހާމަކޮށްފަ އެވެ.
ސޯނަމް ވަނީ ސެލްފީއަކާއެކު "ހެލޯ ފްރޮމް މޯލްޑިވްސް" ލިޔެ ސޯސަލް މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.
ސޯނަމް ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައި އެވެ. ސޯނަމްގެ އިންސްޓަގްރާމް ޕޯސްޓުތަކުން އެނގޭ ގޮތުގައި މި ވަގުތު ރާއްޖޭގައި ހުރީ އޭނާ އެކަންޏެވެ. އެކަމަކު އޭނާގެ ފިރިމީހާ ވެސް ވަރަށް އަވަހަށް ރާއްޖެއަށް އަންނާނެ އެވެ.
ސޯނަމަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ތިން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ.
2018 ވަނަ އަހަރު އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަނަންދު އާ ކައިވެނިކޮށް، ފިލްމީ މަސައްކަތްތަކާ ވެސް ވަރަށް ބޮޑަށް ދުރުގައ އުޅޭ ސޯނަމް މިހާރު އާންމުކޮށް ދިރިއުޅެނީ ފިރިމީހާއާ އެކީ ލަންޑަންގަ އެވެ. ކައިވެންޏަށް މިހާރު ދެ އަހަރުގެ ފިރިހެން ކުއްޖަކު ވެސް އޮވެ އެވެ.
ސޯނަމްގެ ފިލްމެއް އެންމެފަހުން ނުކުތީ މިދިޔަ އަހަރު އެވެ. އެއީ ތުރިލާ ފިލްމް "ބްލައިންޑް" އެވެ. އެކަމަކު، އެއީ އޭނާ ބަލިވެއިނުމުގެ ކުރިން ޝޫޓްކުރި ފިލްމެކެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވުމުން ބޮލީވުޑްގެ ސެލެބްރިޓީން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ ވަރު މިހާރު ވަނީ އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.