ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދިޔަ ސިޔާސަތު ނިމިދިޔަ ސަރުކާރުން ބަދަލުކުރި ކުރުމުން ރާއްޖެއަށާއި ދިވެހީންނަށް ލިބުނު ގެއްލުމާ މެދު މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ދަ ޑިމޮކްރެޓްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ޑިމޮކްރެޓްސްއިން ވަނީ ރޭ ނޫސް ބަޔާނެއް ނެރެފަ އެވެ.

އިނގިރޭސި ސަރުކާރުން ވަނީ މިދިޔަ ހަފްތާގައި ޗާގޯސް ރަށްތައް މޮރިޝަސްއާ އަނބުރާ ހަވާލުކުރަން ނިންމާފަ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރިނަމަވެސް، ޑިއޭގޯ ގާސިއާގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ހިންގަމުން އަންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް ތަނުގައި ވެސް ހިންގަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުމުގައި، ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ގަބޫލުކޮށް ރާއްޖޭގެ ފަރާތުން ދައުވާކުރުމުގެ ހައްގު ނިމިދިޔަ ސަރުކާރުން ސިއްރު ސިޓީއަކުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގައި އދ.ގައި ރާއްޖޭން ވޯޓު ދިން ގޮތާ މެދު މީގެ ކުރިން ވެސް އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފައިވާނެކަމަށާއި މި ސަރުކާރުން އެ ނިންމުން އަލުން މުރާޖާކުރާނެ ކަމަށާއި އެ ރަށްތަކުގެ މައްޗަށް ދައުވާކުރުމުގެ ހައްގު އަލުން ހޯދާނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ޗާގޯސް، މޮރިޝަސްއާ ހަވާލުކުރަން ނިންމާފައި ވާއިރު، އެ ހައްގު ރާއްޖެއިން ދޫކޮށްލުމުގެ ސަބަބުން ނުވަތަ އެ ހައްގު އަލުން ހޯދައިދިނުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ލިބިގެންދާ ގެއްލުމެއް ކަމަށް އެ ޕާޓީން ދެކޭކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އައްޑު އަތޮޅުގެ ދެކުނުން 400 މޭލު ދުރުގައި އޮންނަ ޗާގޯސްގެ ރަށްތައް، ބައިގަރުނަށް ފަހު އަނބުރާ މޮރިޝަސް އަށް ދޭން އިނގިރޭސިން އެއްބަސްވީ ބައިނަލްއަގުވާމީ ކޯޓުގައި ވެސް އެ މައްސަލަ ދިގު ދެމިގެން ގޮސް، އެންމެ ފަހުން ކުރި މަޝްވަރާތަކަށް ފަހު އެވެ.