އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު މި އަހަރުގެ މިހާތަނަށް ހުއްޓުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު 45 މީހަކު ވަނީ ހިފަހައްޓައިފަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަށް މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑާ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށް ވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޮޅުވައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެނެގަނެ އެ މީހުން ހުއްޓުވުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައްސަލަ އިމިގްރޭޝަން ވޮޗް މެދުވެރިކޮށް ރިޕޯޓް ކުރެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.