އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ކުންފުންޏެގެ ކޮޅުވެއްޓިއެއް ވިއްކާލަން ބީއެމްއެލް އިން ނީލަމަށް ލައިފި އެވެ.

ބީއެމްއެލްއިން ކޮޅުވެއްޓި ނީލަމަށްލާފައި ވަނީ ރީކޯ މޫސަގެ ކުންފުނިން ނަގާފައިވާ ލޯނެއް ނުދައްކައިގެންނެވެ. ވިއްކާލަން އިއުލާން ކޮށްފައި ވަނީ 265 ޓަނުގެ ކޮޅުވެއްޓިއެކެވެ.

ރީކޯ މޫސްގެ ކުންފުނި ހެވީ ލޯޑްގެ ނަމުގައި އޮތް ކޮޅުވެއްޓި ވިއްކާލަނީ ރީކޯ މޫސަގެ އެހެން ކުންފުންޏެއް ކަމަށްވާ އީސްޓް މޯލްޑިވްސްގެ ނަމުގައި އޮތް ލޯނެއް ނުދެއްކުމުންނެވެ.

އީސްޓް މޯލްޑިވްސް އިން ނުދައްކައި އޮތް ލޯނަކީ 2016 ވަނަ އަހަރު ބީއެމްއެލް އިން ނެގި 8.9 މިލިއަން ރުފިޔާގެ ލޯނެކެވެ. އެ ލޯނަށް ނުދައްކާ އޮތް ފައިސާގެ އަދަދު ހަތް މިލިއަން ރުފިޔާއަށް ވުރެ ގިނަ އެވެ.

ބީއެމްއެލް އިން ރީކޯ މޫސަގެ ކޮޅުވެއްޓި ވިއްކާލަން ކުރި އިއުލާނުން އެނގޭ ގޮތުގައި އެ އުޅަނދުގެ ނީލަން ފެށެނީ 3.4 މިލިއަން ރުފިޔާ އިންނެވެ. ނީލަން ނިމޭނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

ރީކޯ މޫސަގެ ކޮޅުވެއްޓިއެއް ވިއްކާލަން ބީއެމްއެލް އިން ނިންމާފައިވާއިރު، އޭނާގެ ކުންފުނިތަކުން މީހުނަށް މުސާރަ ނުދޭތާ ތިން މަހަށް ވުރެ ގިނަވެފައިވާ ކަން ދާދިފަހުން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުންވެސް އޭނާގެ ކުންފުނިތަކުން އެކި ފަރާތްތަކަށް ފައިސާ ނުދޭ މައްސަލަތައް ގިނަ ކަމަށްވެ އެވެ.

ރީކޯ މޫސައަކީ ވިޔަފާރިވެރިއެއްގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސްކަމާއި އެމްޑީޕީ ޗެއާޕާސަންކަން ކުރެއްވި ބޭފުޅެކެވެ. ފަހުން ޕީޕީއެމްގެ ވެރިމަކުގައި ޕީޕީއެމްއާއެކު ހުންނެވުމަށްފަހު ވެރިކަން ބަދަލުވުމުން، މިދިޔަ ދައުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުގައި ހުންނެވި އެވެ. ނަމަވެސް މިހާރު ރީކޯ މޫސަ ސިޔާސީ މައިދާނުން ނުފެނެ އެވެ.