ލ. ގަމުގައި އޮންނަ މަޝްހޫރު ޕަރީ ފެންގަނޑު ބަލަން ތިބުމަށް ޕްލެޓްފޯމެއް ހަދަން ނިންމައިފި އެވެ.
ލާގަމަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ކުޅިއެއް ކަމަށްވާ "ބޮޑަ ފެންގަނޑަ" ނުވަތަ ޕަރީ ފެންގަނޑު ބަލަން ޕްލެޓްފޯމެއް ހެދުމަށް ނިންމާ އެކަމަށް ބޭނުންވާ ފައިސާ ސަރުކާރުން އެރަށުގެ ޖަމްއިއްޔާއަކާ ވަނީ ހަވާލުކޮށްފަ އެވެ.
އެންވަޔަރްމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ގްރާންޓުތައް ވަނީ ހަވާލުކުރައްވާފަ އެވެ. އިއްޔެ ފޮނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕަރީފެންގަނޑުގެ އިތުރުން ލ. އަތޮޅުގެ މާބައިދޫގައި ހިމާޔަތް ކޮށްފައިވާ ކޯރު ސަރަހައްދާއި ހިތަދޫ ކުޅި ސަރަހައްދު ތަރައްގީ ކުރުމަށް ވެސް ވަނީ ގްރާންޓް ހަވާލު ކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހިމާޔަތް ކޮށްފައިވާ އެ ސަރަހައްދުގައި ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖީއީއެފް) ގެ ދަށުން ވިއުއިން ޕްލެޓްފޯމެއް އެޅުމަށް ބޭނުންވާ ގްރާންޓް އެހީ އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއަށް ހަމަޖައްސާދީފައިވާ ކަމަށެވެ.
ގްރާންޓުތަކުގެ ދަށުން މިއިން ކޮންމެ ރަށަކަށް ދެ މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައިވާ ކަމަށާއި އަދި މި ފައިސާ ބޭނުން ކުރާނީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރު ކޮށްފައިވާ މެނޭޖްމަންޓް ޕްލޭން ތަންފީޒުކުރަން ކަމަށް އެންވަޔަރްމެންޓް މިނިސްޓްރީން ބުނެ އެވެ.