ބޮލީވުޑްގެ ކުރިއަށް އޮތް ފިލްމު "ބޫލް ބުލައްޔާ 3"ގެ ތީމް ލަވައިގެ ޓީޒާ އިއްޔެ ރިލީޒް ކޮށްފައިވާއިރު އެ ލަވައިން އެންމެ ފާހަގަވި ކަމަކީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޕިޓްބުލްގެ ބައިވެރިވުމެވެ.
ޕިޓްބުލްއާއި ދިލްޖީތު ދޯސަންޖްގެ އިތުރުން ނީރަޖް ޝްރިދަރް އެކުގައި މަސައްކަތް ކޮށްފައިވާ އެ ލަވައަކީ ޕިޓްބުލް ބޮލީވުޑްގައި ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ.
އެ ލަވައިގައި ޕިޓްބުލްގެ ބައިވެރިވުމަށް ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނައިރު އެ ކޮލެބޮރޭޝަންއަކީ ހިޓް ކޮލެބޮރޭޝަންއެއް ކަމަށް ވެސް ސޯޝަލް މީޑިއާ ބޭނުންފުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެގޮތުން މަދު ވަގުތުކޮޅެއްގެ ތެރޭގައި އެ ޓީޒާއަށް ހާހުން ވިއުސް ލިބިފައިވާއިރު ޕިޓްބުލްގެ ބައިވެރިވުމުގެ ސަބަބުން އިންޑިއާ ނޫން އެހެން ގައުމުތަކުގައި ވެސް އެ ލަވަ އަންނަނީ "ޓްރެންޑް" ވަމުންނެވެ.
ބޫލް ބުލައްޔާ 3ގެ ތީމް ލަވައިގެ ޓީޒާގައި ދެން އިތުރަށް ފާހަގަވި ކަމަކީ އެލަވައިގެ ވީޑިއޯ އެވެ. ވިދުންގަދަ ކަޅު ޖެކެޓެއްގައި ހުރި ކާތިކް އާރްޔަންގެ "މައިކަލް ޖެކްސަން" ސްޓައިލްގެ ނެށުމަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
ބިރުވެރި ކޮމެޑީއެއް ކަމަށްވާ "ބޫލް ބުލައްޔާ" ފްރެންޗައިޒްގެ ތިންވަނަ ފިލްމު ރިލީޒް ކުރާނީ ނޮވެމްބަރު 1ގަ އެވެ. އެ ފިލްމުގައި ކާތިކްގެ އިތުރުން ޓްރިޕްތީ ޑިމްރީއާއި ވިދްޔާ ބާލަން ފެނިގެންދާނެ އެވެ.