އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ހާއްސަ ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް މިހާތަނަށް 840 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

"އިމިގްރޭޝަން ވޮޗް" އިފްތިތާހުކޮށްފައިވަނީ މިހައަރުގެ ޖުލައި 17 ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ހުށަހަޅާފައިވާ 840 މައްސަލައިގެ ތެރެއިން 596 މައްސަލައެއް އެ އިދާރާއިން ވަނީ ބަލާފަ އެވެ. އޭގެތެރޭގައި ސައްހަނޫން 174 މައްސަލައެއް އަދި ސައްހަކަން ކަށަވަރު ނުކުރެވޭ 70 މައްސަލަ ހިމެނެ އެވެ.

މީގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީންކުރާ ވިޔަފާރީގެ މައްސަލަތަކެވެ. އެގޮތުން މިފަދަ 221 މައްސަލަ ހުށަހަޅާފައިވެ އެވެ. ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ވިސާ ނެތް ބިދޭސީންގެ މައްސަލަތަކެވެ. ތިން ވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ހަށިވިއްކުމުގެ މައްސަލަތަކެވެ. ހަށިވިއްކުމުގެ 50 މައްސަލައެއް ހުށަހަޅާފައިވާކަން އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހުއްޓުވުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 4000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.