ރާއްޖޭގެ އެންމެ ކާމިޔާބު އެއް ސިޔާސީ ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ފަށައިފި އެވެ.

ޕީޕީއެމް އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި ޑީއާރްޕީ ބައިބައިވުމުން 2011 ވަނަ އަހަރު އުފެއްދެވި ޕާޓީ އެކެވެ. ޕީޕީއެމް އުފެދި 3 އަހަރު ނުވަނިސް ވަނީ ވެރިކަން ކޮށްފަ އެވެ. އަދި އެއައަށްފަހު، ނިމިދިޔަ ރިޔާސީ އިންތިހާބަކީވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދާއި އެ ފިކުރުގެ ކާމިޔާބީއެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ސަރުކާރުން ދަނީ ޕީޕީއެމްގެ ސެނެޓްގެ ބައްދަލުވުމެއް ބާއްވާ ޕާޓީ އުވާލުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަދު 2:00 ގައި ޕީޕީއެމްގެ ސެނެޓް ބައްދަލުވުމެއް ޕީއެންސީ އޮފީހުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޕީޕީއެމް އުވާލުމުގެ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް ބައެއް ސެނެޓަރުން ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރިޔާސީ އިންތިހާބުގައި ދިމާވި ކަންކަމާއެކު އާ ޕާޓީއެއް އުފައްދަވާފަ އެވެ. އެހެންކަމުން މިހާރު ޕީޕީއެމްގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ތިއްބެވީ ދެ ނައިބު ރައީސުން ކަމަށްވާ މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ. އެ ދެބޭފުޅުންވެސް ތިއްބެވީ މަގާމުގެ ދަހިވެތިކަމުގައި ޕީޕީއެމް ގުރުބާން ކުރައްވަން ތައްޔާރަށެވެ.

މިހާރު ޕީއެންސީން އިލެކްޝަނަށް ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސްކޮށް ނިމޭއިރު، ޕީޕީއެމްގެ މެންބަރުންގެ އަދަދު ވަރަށް ބޮޑުތަނުން މަދުވާނެކަމަށް ލަފާކުރެވެ އެވެ. ޕީޕީއެމް މެންބަރުންނަށް އޮޅުވާލައިގެންނާއި ވަޒީފާގެ ބިރު ދައްކައިގެން ޕީއެންސީއަށް ސޮއި ކުރުވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.

ޕީއެންސީ އުފެއްދީ ޕީޕީއެމް ތެރެއިން 2019 ވަނަ އަހަރު އެވެ. އޭރުން ފެށިގެން 2024 ހަމައަށް އެ ޕާޓީ އަކީ 4000 ވަރަކަށް މެންބަރުން ތިބި ޕާޓީ އެކެވެ. ޕީޕީއެމްގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ނިންމުމުން، މިހާރުގެ ރައީސް މުއިއްޒު ޕީއެންސީއަށް ސޮއި ކުރައްވާ އެ ޕާޓީގެ ކެނޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު، ރައީސް މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އިސްކޮށް ހުންނަވާ ގެންދަވަނީ ޕީޕީއެމް އުވާލާ ޕީއެންސީއަށް ހުރިހާ މެންބަރުން ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ޕީޕީއެމްއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ މިކަމާއި ނުރުހުން ފާޅުކުރަމުންނެވެ. އެ ޕާޓީގައި 34،000 އަށް ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.