ތިރީސް ހަތަރު ހާހަށް ވުރެ ގިނަ މެންބަރުން ތިބޭ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް މިއަދު އައްޔަންކޮށްފި އެވެ.
ޕީޕީއެމް އުވާލަން އުޅޭކަމުގެ އަޑުގަދަވެފައިވަނިކޮށް މިއަދު ބޭއްވި ޕީޕީއެމް ސެނެޓްގެ ކުއްލި ބައްދަލުވުމުގައި ވަނީ މިދެބޭފުޅުން މަގާމުތަކަށް ހަމަޖައްސާފަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ޕާޓީގެ ނައިބު ރައީސް ޣައްސާން މައުމޫން އެވެ. ޕާޓީގެ ބައްދަލުވުން އޮތީ ޕީއެންސީ އޮފީހުގަ އެވެ.
އެނގިފައިވާ ގޮތުގައި މިހާރު މިގެންނަ ބަދަލުތަކަކީ ޕީޕީއެމް އުވާލުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ގެންނަ ބަދަލު ތަކެކެވެ.
ޕީޕީއެމްގެ ހިންގާ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީ ހިންގުމަށް ދަތިވާ މިންވަރަށް ޕާޓީ ގެ މާލީ ހާލަތު ދަށްވެ، ޕާޓީގެ ލީޑާޝިޕުން، ސެނެޓަށް ހުށަހަޅައި އެކަން ދިރާސާ ކުރުމަށް ފަހު ޕާޓީ އުވައިލަން ޖެހޭ ކަމަށް ސެނެޓުގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ޕާޓީ އުވާލެވިދާނެ އެވެ.
ރައީސް މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ އިސްވެ ހުންނަވައިގެން ގެންދަވަނީ ޕީޕީއެމް އުވާލުމަށްފަހު ޕީޕީއެމްގެ މެންބަރުންނާއި ހުރިހާ ވަސީލަތްތައް ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.