ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ ޕީއެސްޖީ އާއި ބާސެލޯނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، 5-2ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 30 ވަނަ މިނިޓުގައި ލީޑު ހޯދައިދިނީ ފޯވަޑް ކިލިއަން އެމްބާޕޭ އެވެ. އެކަމަކު 37 ވަނަ މިނިޓުގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގައި ބާސާ އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން، އެ ޓީމަށް މެޗުގެ ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވި އެވެ. ބާސާ އަށް ޕެނަލްޓީއެއް ލިބުނު ނަަމަވެސް، މެސީ އަށް ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ.

މިއީ 14 އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ބާސާ ކެޓި ފުރަތަމަ ފަހަރެވެ.

ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަނަށް ހަމަވާއިރު، މިއީ ޗެމްޕިއަންސް ލީގުގައި ބާސާ އަށް މެސީ ކުޅުނު ފަހު މެޗަށް ވެދާނެ އެވެ.

މެޗަށް ފަހު ވާހަަކަދައްކަމުން ބާސާގެ ކޯޗު ރޮނަލްޑް ކޫމަން ބުނީ މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަަމަށެވެ.

"މި މެޗުގައި މި ފެނުނު ކުޅުމާއެކު، މެސީ އަށް ވެސް ގަބޫލްކުރެވޭނެ މި ކްލަބުގައި ރަނގަޅު މުސްތަގްބަލެއް އެބައޮތްކަން. ރަނގަޅު ކުޅުންތެރިންތަކެއް މި ޓީމުގައި އެބަތިބި،" ކޫމަން ބުންޏެވެ. – ބީބީސީ