ޣައްޒާގެ އުތުރުގައި ޖަބާލިޔާ ކައިރީގައި އޮންނަ ބެއިތު ލަހިއާ އަށް އިޒްރޭލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި 73 މީހުން ޝަހީދުކޮށްލައިފި އެވެ.

މި ހަމަލާތަކާއި ގުޅޭގޮތުން ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ ސަހީދުވެފައިވާ މީހުންގެ އަދަދު 73 އަށް އަރާފައިވާއިރު އެތައް ބަޔަކު ޒަހަމްވެ، ގިނަ އަދަދެއްގެ މީހުން ހަމަލާ އަމާޒުވި އިމާރާތްތަކުގެ އަޑީގައި ތާށިވެފައި ވާކަމަށެވެ.

އިޒްރޭލުން އެއްވެސް އިންޒާރެއް ދިނުމަކާނުލާ މި ހަމަލާތައް އަމާޒުކުރީ ގިނަ ބަޔަކު ދިރިއުޅެމުންދިޔަ ސަރަހައްދަކަށެވެ.

މި ހަމަލާއަށްފަހުވެސް އިޒްރޭލުން ބުނީ ހަމަލާ އަމާޒުކުރީ ހަމާސްގެ ހަނގުރާމަވެރިންނަށް ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކަށް އަހަރަކަށްވުރެ ގިނަދުވަސްވެފައިވާއިރު، ފާއިތުވި ހަފްތާގައި ވަނީ ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އިއްޔެގެ ނިޔަލަށް ޣައްޒާއިން ސަހީދުވި މީހުންގެ އަދަދު ވަނީ 45،519 އަށް އަރާފަ އެވެ. ޒަހަމްވެފައިވާ މީހުންގެ އަދަދު ވަނީ 99،637 އަށް އަރާފަ އެވެ.