ޓޫރިސްޓުން އުފުލަން ވިލާ އެއާއިން ވެސް ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި މިވަގުތު ސީޕްލޭންގެ ހިދުމަތް ދެމުން އަންނަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މަންޓާ އެއާ އަދި މޯލްޑިވިއަން އެވެ. މީގެ ތެރެއިން ޓީއެމްއޭއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާއިން ސީޕްލޭން ދަތުރުތައް ފަށަން ޓުވިން އޮޓާ މަރުކާގެ ދެ ބޯޓު މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ ބޯޓުގެ އޮޕަރޭޝަން ފެށުމުގެ ކުރިން މިހާރު ވަނީ ކަނދު ހަރުކުރަން ފަށައިފަ އެވެ.
ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު މިއަދު ވިދާޅުވީ އެ ކުންފުނިން ސީޕްލޭން އޮޕަރޭޝަން ފެށުމަށް ބޭނުންވާ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
"އެކަން ކުރިޔަށް އެބަދޭ. ތިކަމުގެ ތަފުސީލްތައް ފަހުން ހާމަކުރާނަން،" އޭނާ ވިދާޅުވި އެވެ.
ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެއިން ޖަލީލް ވިދާޅުވީ ވިލާ އެއާއަށް ސީޕްލޭން އޮޕަރޭޓްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ހުއްދައާއެކު އެ ކުންފުނިން ބޯޓު ގެންނަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓު ގެންނަން އެ ކުންފުނިން އެދިގެން ހުއްދަ ދޫކޮށްފައިވާނެ. ނަމަވެސް އޮޕަރޭޝަން ފަށާނެ ދުވަހެއް އަދި ނޭނގެ،" ޖަލީލް ވިދާޅުވި އެވެ.
ވިލާ އެއާ އިން ދާދި ފަހުން ވަނީ ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އެ ކުންދުނިން ކުރިން ބޭނުންކުރި ހަތަރު އޭޓީއާރު މަތިންދާ ބޯޓުގެ ތެރެއިން ބޮޑު ބައެއް ވިއްކާލައިފަ އެވެ. އެ ބޯޓުތަކުން މައިގަނޑު ގޮތެއްގައި ވިލާ އެއާއިން ދަތުރުކުރީ ބ. ދަރަވަންދޫ އަށާއި އެ އެއާލައިންގެ ބޭސް މާމިގިއްޔަށެވެ.
އެ ކުންފުނިން "ފްލައިމީ"ގެ ނަމުގައި އޭޓީއާރު 72 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން އޮޕަރޭޝަން ފެށީ އޮކްޓޯބަރު 1، 2011 ގަ އެވެ.