ޖަރުމަނުގައި ދިރިއުޅޭ ދިވެއްސަކު އޭނާގެ ޖަރުމަނު އަނބިމީހާ މަރާލީ ކަމަށް އެ ގައުމުގެ ފުލުހުން ތުހުމަތުކޮށްފި އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ޖަރުމަނު މީހަކާ ކައިވެނިކޮށްގެން، އެ ގައުމަށް ދިރިއުޅުން ބަދަލުކުރި ނ. މަނަދު އަށް އުފަން އުމުރުން 44 އަހަރުގެ އާދަމް ނަސީރު ކިޔާ މީހާ އަށް ތުހުމަތު ކުރަނީ ދެމަފިރިންގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ މާރާމާރީއަކަށް ބަދަލުވެ އަނބިމީހާ އަށް ހަމަލާދީ މަރާލީ ކަމަށެވެ. އޭގެ ފަހުން ދިވެހި މީހާ ވެސް ވަނީ އަމިއްލަ އަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ވެއްޓިފައި ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. ދިވެހި މީހާ މަރުވީ އޭނާގެ ހަށިގަނޑަށް ދިން އަނިޔާތަކަށް، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެ އެވެ.

ޖަރުމަނުގެ އޮސްޓްރައު ޑިސްޓްރިކްޓުގައި ދިރިއުޅޭ އެ އާއިލާގެ މަރާ އެކު އެތައް ބަޔަކަށް ވަނީ ސިހުން ގެނުވައިފަ އެވެ.

ޖަރުމަން ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ޓެގް24 އިން ބުނި ގޮތުގައި އާއިލާގެ މީހުންނަށް ފެނުނު އިރު އަންހެން މީހާ އޮތީ ހަރަކާތް ހުއްޓިފަ އެވެ. ފިރިހެން މީހާ އޮތީ ސީރިއަސް ޒަޚަމްތަކެއްގަ އެވެ. އާއިލާގެ މީހުން ފުލުހުންނަށް ގުޅައިގެން ރެސްކިއު ސާވިސް ވަގުތުން ގެނައެވެ.

ރެސްކިއު ޓީމާ އެކު ދިޔަ ޑޮކްޓަރު ވަނީ އުމުރުން 44 އަހަރުގެ އަންހެން މީހާ މަރުވިކަން ސީންގައި ހުރެ ޔަގީންކޮށްދީފަ އެވެ. ފިރިހެން މީހާ ހޮސްޕިޓަލަށް ގެންދިޔައީ ހެލިކޮޕްޓަރުގަ އެވެ.

ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގުނު ގޮތުގައި އެ ދެމަފިރިންގެ މެދުގައި ހޮނިހިރު ދުވަހު ވަނީ ބޮޑު ޒުވާބެއް ހިނގައިފަ އެވެ. އެ ޒުވާބު ހޫނުވެ އެންމެ ފަހުން މާރާމާރީއަކަށް ބަދަލުވީ އެވެ. ދެމަފިރިން ޒުވާބު ކުރީ އަންހެން މީހާ އެހެން ފިރިހެނަކާ ގުޅުން ބާއްވާކަން ފަޅާ އެރުމުން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.