ކެމްބޯޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

މީގެ ދެ ހަފަތާ ކުރިން ކޮވިޑަށް ޕޮޒިޓިވްވި މި 50 އަހަރުގެ މީހާ މަރުވީ މިއަދު އެވެ.

މިހާތަނަށް ޖުމްލައަކު 1،124 ކޮވިޑް ކޭސް ފެނިފައިވާ ކެމްބޯޑިއާއަކީ އޭޝީއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުން ކޮވިޑް ކޭސްތައް ފެންނަމުންދިޔަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ނަމަވެސް މި އަހަރުގެ ފެބްރުއަރީ އިން ފެށިގެން ކޭސްތައް އިތުރުވަމުންދާކަން ފާހަގަ ކުރެވެ އެވެ.

ކެމްބޯޑިއާގެ ހެލްތު މިނިސްޓަރު ވިދާޅުވި ގޮތުގައި މި މީހާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެ ގައުމުގެ ސިހަނޯކްވިލް ގައި ދިރި އުޅޭ ޗައިނާ މީހެއްގެ ޑްރައިވަރަކަށް އުޅޭ މި މީހާ ޕޮޒިޓިވްވެފައި ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު އެވެ. މި ޗައިނާ މީހާ ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކެމްބޯޑިއާގައި ވެކްސިން ދޭން ފަށައިފައި ވަނީ މިދިޔަ މަހުގަ އެވެ.