ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ ބަޖެޓް ހުސްވެގެން ނޫން ކަމަށާއި، މިހާތަނަށް ހަރަދުވީ 37 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުތަކަށް ހޭދަކޮށްފައިވަނީ ޖުމްލަ 37.4 ބިލިއަން ރުފިޔާ ކަމަށެވެ. މި އަހަރު ބަޖެޓުގައި ހަރަދުކުރުމަށް ފާސްކޮށްފައިވަނީ 47.6 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް 26.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. މުޅި އަހަރު ލިބޭނެ އާމްދަނީ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާ އެވެ.

މުޅި އަހަރަށް ފާސްކުރި ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ މިހާތަނަށް ބަޖެޓު އަރާފައިވަނީ 39.2 ބިލިއަން ރުފިޔާއަށެވެ.

މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓަރީ ބަޖެޓް ހުށަހަޅާއިރު، ބަޖެޓް ހުށަހަޅަން ނިންމީ މި އަހަރު ބަޖެޓުގައި އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ބައެއް ދާއިރާތަކުން ހަރަދުކުރަންޖެހޭނެކަމަށް ބެލެވޭތީކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ހަރަދުކުރާ މިންވަރު އިތުރުވާނެ ކަމުގައި ބެލެވޭ ސަބަބުތަކުގެ ތެރޭގައި ކުރީ ސަރުކާރުން ބަޖެޓު ތައްޔާރުކުރުމުގައި ހަދާފައިވާ ގޯސްތައް ހިމެނޭކަމަށް ސަރުކާރުން ފާހަގަކުރެ އެވެ.

އެގޮތުން 2023 ގައި ދައުލަތުގެ މާލީ ހިސާބުތައް ރެކޯޑުކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި މި އަހަރުގެ ބަޖެޓުން ދެ ބިލިއަނެއްހައި ރުފިޔާގެ ޖާގައެއް ނިމުނު އަހަރުގެ ހަރަދުތަކަށް ހަމަޖައްސަންޖެހުމަކީވެސް ސަޕްލިމެންޓަރީ ބަޖެޓު ހުށަހަޅަން ޖެހުނު ސަބަބެއްކަމުގައި ފިނޭންސިން ވަނީ ބުނެފަ އެވެ.

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަނީ އަހަރުގެ މިހާތަނަށް އައިއިރު މުޅި އަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެގެން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުގެ ނާގާބިލު ކަމުން ފައިނޭންސިން ސްޓްރެޓަޖީ ފެއިލްވެފައިވާ ކަމަށް އެމްޑީޕީން ބުނެ އެވެ.