ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ހަމަ ނިދި ބޭނުންވާ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެ ނިދި އެންމެ ރަނގަޅު ގޮތުގައި ހޯދުމަށްޓަކައި ވަކި އާދަތަކެއް ވެސް ގެންގުޅެން ޖެހެ އެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނިދުމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތައް ހިއްސާކޮށްފަ އެވެ.

ވަކި ތާވަލެއް ގެންގުޅުން

ކޮންމެ ދުވަހަކުވެސް ކަނޑައެޅިފައިވާ ވަކި ގަޑިއަކަށް ނިދަން އޮށޯވެ ވަކި ގަޑިއަކަށް ނިދާ ހޭލުމަކީ ނިދީގެ ފެންވަރު ރަނގަޅު ކުރުމަށް މުހިއްމު ކަމެކެވެ. މި ގޮތަށް އާދަތައް ތަކުރާރު ކުރަން ޑަބްލިއުއެޗްއޯއިން ބާރު އަޅަ އެވެ.

ނިދާ މާހައުލު ތައްޔާރު ކުރުން

ނިދާ ކޮޓަރިއަކީ ވީހާވެސް ސިކުނޑިއަށް ހަމަޖެހުން ގެނުވައިދޭނެ މާހައުލަކަށް ވާންވާނެ އެވެ. އެގޮތުން އަޑު މަޑު، އަނދިރި އަދި ހެޔޮވަރު ވަރަކަށް ފިނިހޫނުމިން ހުންނަ ކޮޓަރިއެއްގައި ނިދަން ފަސޭހަވާނެ އެވެ.

ޑިވައިސްތައް ދުރަށްލުން

ނިދަން އޮށޯވެ ފޯނު ނުވަތަ ލެޕްޓޮޕްއާ ކުޅެން އޮތުމަކީ ގިނަ ބައެއްގެ އާދައެއް ނަމަވެސް އެފަދަ ޑިވައިސްތަކުން ބޭރުކުރާ ބްލޫ ލައިޓްގެ ސަބަބުން ނިދީގެ ފެންވަރަށް ނޭދެވޭ އަސަރުކުރާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

ކެއުމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން

ނިދަން ދެ ގަޑިއިރަށް ކައިރިވުމުން ބޮޑު ކެއުމެއް ކެއުމުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން އަދި ކޮފީ ފަދަ ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުން ކުރުމުން ދުރުހެލިވާން ޑަބްލިއުއެޗްއޯއިން ލަފާދެ އެވެ. އެއީ ނިދުމަށް ހުރަސްއަޅާ ކަންކަމަށް ވާތީ އެވެ.

ހަރަކާތްތެރިވެ އުޅުން

ދުވާލުގެ ވަގުތު ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެ އުޅުމަކީ ރޭގަނޑުގެ ނިދި ފުރިހަމަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބާރުއަޅާ ކަމެކެވެ.