ޕްރިންސް ހެރީ އާއި މޭގަން މާކެލްގެ އިންޓަވިއު އިން މުޅި ޝާހީ އާއިލާ ގުޑުވާލި އެވެ. މީގެ ކުރިން ޝާހީ އާއިލާއާ ގުޅޭ ގޮތުން ނޭނގޭ ގިނަ ކަންތައް ހާމަކުރި މި އިންޓަވިއުގައި އެންމެ ފާހަގަކޮށްލެވުނީ މޭގަން އާއި ހެރީގެ ދަރިފުޅާ މެދު ޝާހީއާ އިލާއިން ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ކުރި ތުހުމަތެވެ.
މި އިންޓަވިއުއަށް ފަހު ފުރަތަމަ ފަހަރަށް ޕްރިންސް ވިލިއަމް އާއި އަންހެނުން ކޭޓް ވަނީ އާންމުންގެ ތެރެއަށް ނުކުމެފަ އެވެ. މި ފެނިލުމުގެ ތެރޭގައި އިންޓަވިއުއާ ގުޅޭގޮތުން ސުވާލުކުރުމުން ވިލިއަމް ވަނީ ރުޅި ގަދަވެ "އަހަރެމެންގެ އާއިލާއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭނެ އާއިލާއެއް ނޫން" ކަމަށް ބުނެފަ އެވެ.
މިއީ އެ އިންޓަވިއުއާ ގުޅިގެން ޝާހީ އާއިލާގެ މެންބަރަކު ވާހަކަދެއްކި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
ވިލިއަމް އިތުރަށް ބުނީ އެ ފަހުން އަދި ކޮއްކޮ، ޕްރިންސް ހެރީ އާ ވާހަކަ ނުދައްކާ ކަމަށާއި އެހެން ނަމަވެސް އަދި ދައްކާނެ ކަމަށެވެ.
މިއީ އިންޓަވިއުއަށް ފަހު ކޭޓްގެ ވެސް އެންމެ ފުރަތަމަ އާންމު ފެނިލުމެވެ. ޒާތީ ގިނަ މައުލޫމާތުތަކެއް ހިއްސާކުރަމުން އެ އިންޓަވިއުގައި މޭގަން ވަނީ ކޭޓްގެ ސަބަބުން އޭނާއަށް ރޮވުނު ހާދިސާއެއް ވެސް ހިއްސާކޮށްފަ އެވެ. އަދި ފޮޓޯތަކުން ކިތަންމެ ހެވިފައި ތިއްބަސް އަސްލު މަންޒަރަކީ އެއީ ނޫން ކަމަށް މޭގަން ބުންޏެވެ.
މީގެ އިތުރުން ޕްރިންސް ހެރީ ބުނީ މިހާރު އޭނާއާއި ބޭބެ ވިލިއަމް މިހާރު ދަތުރު ކުރަމުން ދަނީ ތަފާތު ދެ މިސްރާބަކަށް ކަމަށާއި ވިލިއަމް ހުރީ "ޝާހީ އާއިލާގެ ތެރޭގައި ތާށިވެފައި" ކަމަށެވެ.
ކޮބާ ވަރުގަދަ ރައްދެއް