އެއީ މުރައިދޫގޭގެ މުއައްޒަފުންގެ އަދަދާ ގުޅޭ މައްސަލައެކެވެ. މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނެވުމަށް ދައުލަތުން ޚާއްސަކޮށްފައި ހުންނަ ގެކޮޅެވެ. މަޖިލީހުގެ ރައީސަށް ވަކިން ގެކޮޅެއް ހުންނަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް އެކަން އެގޮތަށް ހަމަޖެހުނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި ދުވަސްވަރު އެވެ. އެ މަނިކުފާނު އަވަހާރަ ކޮށްލަން ދިން ހަމަލާއަކާ ގުޅިގެން މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފަސޭހަ ކުރުމުގެ ގޮތުން ވަކި ގެއެއް ޚާއްސަ ކުރުމަށް ނިންމީ އެވެ. ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މިވަގުތު އެގެކޮޅުގައި ދިރި އުޅުއްވަނީ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އެވެ.
މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިޚާބު ވުމާއެކު މުރައިދޫގެއަށް ވަނީ ރާއްޖޭގެ ނަން މަޝްހޫރު ބައެއް މީހުން މުވައްޒަފުންގެ ގޮތުގައި ނަގާފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމެނެ އެވެ. މީގެ ތެރެއިން އާދަމް ހަލީމަކީ މުރައިދޫގޭގެ ޗީފް އޮފް ސްޓާފެވެ. ދެންހުރި އަޝްފާގަކީ ޑިރެކްޓަ ޖެނެރަލް އެވެ. ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ސުވާލަކަށްވީ މިފަދަ ބޮޑެތި މުހިންމު މަގާމުތަކެއް މުރައިދޫގެއަށް އުފެއްދީ ކީއްކުރަން ހެއްޔެވެ.
އެ މަގާމުތަކުގެ ތެރެއިން ޗީފް އޮފް ސްޓާފަކީ އެމީހަކު އާންމު ގޮތެއްގައި ބޮޑެތި އޮގަނައިޒޭޝަންތަކުގެ ސީއީއޯ ނުވަތަ އެންމެ މަތީ ވެރިޔާގެ ގާއިމު މަގާމެވެ. ވެރިޔާގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ރާވައި ހިންގައި މުއައްސަސާގެ އެހެން ހުރިހާ ޑިޕާޓްމެންޓްތަކެއްގެ ކަންތައް ވެރިޔާއާ ހަމަޔަށް ގެންގޮސްދީ އެކަންތައް މޮނިޓާކުރާ މީހާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ވަޒީފާއާއި އެމަނިކުފާނު ރަސްމީ ގޮތުން ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ގުޅިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ އެވެ. އެ އިދާރާގައި އެމަނިކުފާނުގެ ރަސްމީ ވާޖިބުތަކަށް ބޭނުންވާ ހުރިހާ މުއަޒަފުން ވަނީ ސަރުކާރުން ހަމަ ޖައްސަވާފަ އެވެ. އޭގެ އިތުރުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ރަސްމީ މުއައްޒަފަކު ބޭނުން ވެގެނެއް ނުވާނެ އެވެ. ޚާއްސަކޮށް ޗީފް އޮފް ސްޓާފެކެވެ.
ދެން އޮތީ ޑިރެކްޓަ ޖެނެރަލް (ޑީޖީ)ގެ ވަޒީފާ އެވެ. ޑިރެކްޓަ ޖެނެރަލަކީ ބޮޑު އޮގަނައިޒޭޝަނެއްގެ އެންމެ މަތީ ރޭންކްގެ ވެރިޔާ އެވެ. އޭނާގެ ވާޖިބަކީ އޮގަނައިޒޭޝަންގެ އެކިއެކި އިދާރާތަކުގެ މެދުގައި ހިނގަން ޖެހޭ ކަންތައް ރާވައި ހިންގާ މުޅި އޮގަނައިޒޭޝަންގެ މުއާމަލާތްތައް ކުރިޔަށް ދާ ގޮތް ބެލެހެއްޓުމެވެ. މަޖިލީހުގެ ރައީސްގެ ރަސްމީ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމެއް ކުރުމަށް މަޖިލީހުގެ އިދާރާގައި މުއައްޒަފުން ތިބުމާއެކު މުރައިދޫގެއަށް މިފަދަ މަތީ ރޭންކެއްގެ މުއައްޒަފަކު ބޭނުމެއް ނުވާނެ އެވެ. ނުވެސް ލެވޭނެ އެވެ.
ރައްޔިތުންގެ ފާޑުކިއުން މިކަމަށް އަމާޒުވެފައި ވަނިކޮށް ރާއްޖޭގެ ދުވަހު ނޫހަކުން މުރައިދޫ ގޭގައި އުޅޭ މުއައްޒަފުންގެ އަދަދާއި އެމީހުންގެ މުސާރައާ ބެހޭ ތަފުސީލު ހޯދުމަށް ހުށަހެޅުމުން، މަޖިލީހުން ނިންމީ އެ މައުލޫމާތު ނުދެވޭނެ ކަމަށެވެ. ސަބަބެއް ކަމަށްވީ އެ މުވައްޒަފުންނަކީ މަޖިލީހުގެ ރައީސްގެ ޚާއްސަ އިމްތިޔާޒުގެ ދަށުން އައްޔަން ކުރައްވާފައިވާ ބަޔަކަށް ވާތީ އެކަމުގައި ރައީސްގެ އިމްތިޔާޒު ހިމާޔަތް ކުރުމެވެ. އެ ނިންމުން ނިންމީ މަޖިލީހުގެ 241 ކޮމިޓީންނެވެ.
މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް މަޖިލީހުން ނިންމުމާއެކު ދެން ފެނުނީ ރައީސްގެ އެންގެވުމެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތުގެ ދަށުން މުރައިދޫގޭގެ މުއައްޒަފުންނާ ބެހޭ މައުލޫމާތު ހާމަކުރުމަށެވެ.
އެ ހިސާބުން މަޖިލީހުގެ ނިންމުން އެފުށްމިފުށަށް ޖެހިއްޖެ އެވެ. ބޭނުންވެއްޖެނަމަ ރައީސުލް ޖުމުހޫރިއްޔާ އަޒަލުކުރުމު ބާރު ވެސް އޮންނަ ރައްޔިތުންގެ މަޖީލީހުން އެ މަޖިލީހުގެ އެންމެ ޚާއްސަ ކޮމިޓީ ކަމަށްވާ 241 ކޮމިޓީގެ ނިންމުން ބަދަލުކޮށް ވަގުތުން މައުލޫމާތު ހާމަކުރަން ނިންމީ އެވެ.
ޑިމޮކްރެޓިކް ވެރިކަމެއް ފުރިހަމަވުމަށްޓަކައި އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވޭ ގޮތަށް ވަކިވެފައި އޮންނަ ބާރުތަކެއް އޮންނަން ޖެހެ އެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފުގެ ދާއިރާއަކީ އެއްބަޔަކަށް އަނެއް ބަޔައެއްގެ މައްޗަށް ނުފޫޒު ފޯރުވިގެން ނުވާނެ މިނިވަން ތިން ބާރެވެ. އޭގެ ތެރެއިން އެއްބާރަކުން ނިންމާ ކަމަކަށް އަނެއް ބާރަކަށް އެއްޗެއް ބުނެވިގެން ނުވާނެ އެވެ.
މަޖިލީހުގެ މެމްބަރުންނަކީ ރައީސްގެ އަމުރުފުޅަށް ތަބާވާ ބައެއް ކަމަށް ވަނީ ނަމަ ބޮޑު މުސާރަދީފައި މަޖިލީހެއް ބޭއްވުމުގެ ބޭނުމެއް ނެތެވެ. ކަންތައް ވަމުންދާ ގޮތަށް ބަލާއިރު ދިވެހި ސަރުކާރަކީ ހުރިހާ މާނައެއްގައި ވެސް ޚުދުމުޚުތާރު ސަރުކާރެކޭ ބުނެވޭނެ ފުރުސަތު އެބައޮތެވެ.
ރައީސް ރަނގަޅު އެއްޗެއް ބުނިއްޔާ މަޖިލީހަށް އެނިންމުން ބަދަލު ކުރެވިދާނެ. ހާމަ ކުރިޔަސް ނުކުރިޔަސް ތިޔާ ނޫސްވެރިން ދެފައި ބިމުގައި ނުޖެހޭނެ .
ރިޕްލައި