ދުނިޔޭގެ އެންމެ ހުތުރު އަންހެނާގެ ގޮތުގައި ބެލެވުނު، އިނގިރޭސިވިލާތަށް އުފަން މޭރީ އޭން ބީވާ އަކީ ވިހި ވަނަ ގަރުނުގައި ދިރިއުޅުނު ރީތި ނަރުހެކެވެ. މީލާދީން 1874 ވަނަ އަހަރުގައި ދުނިޔޭގެ އަލިކަން ދުށް މޭރީ އުފަންވީ ލަންޑަންގެ ބޮޑު އާއިލާއަކަށެވެ.
އޭގެ ވިހި އަހަރު ފަހުން 1894 ވަނަ އަހަރު އޭނާއަށް ނަރުސްކަން ކުރުމުގެ ލައިސަންސް ލިބި، ލަންޑަންގެ ހޮސްޕިޓަލެއްގައި ނަރުހެއްގެ ވަޒީފާ އަދާކުރަން ފެށި އެވެ.
ވަޒީފާގައި ދުވަސްކޮޅަކު އުޅުމަށްފަހު މޭރީގެ އުމުރުން 30 އަހަރުގައި އޭނާގެ ލޯބިވެރިޔާ، އިނގިރޭސިވިލާތުގެ ކެންޓަށް ނިސްބަތްވާ ތޯމަސް ބީވަން އާއި ކައިވެނި ކުރި އެވެ. އެ ކައިވެންޏަށް ހަތަރު ކުދިން ލިބުނެވެ. އެއީ ދެ ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ. ވަރަށް އުފަލުގައި ދިރިއުޅެމުން ދަނިކޮށް އޭގެ ބާރަ އަހަރު ފަހުން ކުއްލިގޮތަކަށް މޭރީގެ ފިރިމީހާ ތޯމަސް ނިޔާވެ، މޭރީ އެކަނިވެރިވި އެވެ. ފިރިމީހާ ނިޔާވިއިރު ކުދިން ކުޑަވެފައި ލިބޭކުޑަ މުސާރައިން ދެކޮޅު ނުޖެއްސޭތީ މޭރީ ކަންބޮޑުވި އެވެ.
އެ ހިތާމައާއި ހިތްދަތި ކަމުގައި ވަރަށް ނިކަމެތިކޮށް އުޅެނިކޮށް ކުއްލިއަކަށް މޭރީ ބަލިވި އެވެ. އަދި އާދަޔާ ޚިލާފު ބައްޔެއްގެ އަލާމާތްތައް މޭރީގެ ހަށިގަނޑުން ފާޅުވާން ފެށި އެވެ. ފުރަތަމަ ފެނުނު އަލާމާތްތަކުގެ ތެރޭގައި، އޭނާގެ އިނގިލީގައި އަޅާފައިވާ ކައިވެނީގެ އަނގޮޓި ބާރުވުމާއި ނިތްކުރި އާއި، ނޭފަތް ދުޅަވުން ހިމެނެ އެވެ. ގައިގެ ހަންގަޑު ކުރަކިވެފައި ބޯވާން ފެށިކަން ވެސް އޭނާއަށް ފާހަގަވި އެވެ. ދަތްތައް ދުރުވެ، އޭނާގެ ސިފަ ވަކިކުރަން ނޭނގޭ ވަރަށް އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަ އެވެ.
ޑޮކްޓަރަށް ދެއްކުމުން އެނގުނީ އޭނާއަށް ޖެހިފައިވާ ބައްޔަކީ "އެކްރޯމެގަލީ" ކިޔާ ސިކުނޑީގެ ނުރައްކާތެރި ބައްޔެއްކަމެވެ.
މެކްރޯމެގަލީއަކީ ބަލީގެ ކުރީކޮޅު ފަރުވާކުރެވިއްޖެ ނަމަ ރަނގަޅު ކުރެވޭ ބައްޔެއް ނަމަވެސް އެ ޒަމާނުގައި ސިއްޚީ ރަނގަޅު ފަރުވާ ލިބެން ނެތުމުން، ފަރުވާއެއް ނުލިބި ދުވަހެއް ދުވަހަކަށް މޭރީގެ ބަލީގެ އަލާމާތްތައް ބޮޑުވާން ފެށި އެވެ. ކުރިން ދުޅަވި ނޭފަތާއި ނިތްކުރި އަދި ދަތްދޮޅި ވެސް ފަހުން ބޮޑުވެ ފުޅާވާން ފެށި އެވެ. ފަޔާއި ދެއަތް ވެސް ވަނީ ކުރިން ހުރިވަރަށް ވުރެ އެތައް ގުނައެއް ބޮޑުވެފަ އެވެ.
މޭރީގެ ސިފަ ގެއްލިފައިވުމުން މީހުންގެ މަލާމާތް ވަރަށް ބޮޑަށް އޭނާއަށް ރައްދުވާން ފެށި އެވެ. އޭގެ ސަބަބުން އޭނާ މަސައްކަތް ކުރަމުން ދިޔަ ހޮސްޕިޓަލުގެ ވަޒީފާއިން ވެސް އޭނާ ވަކިކޮށްލި އެވެ. ދެން އޭނާއަށް މަޖުބޫރުވީ ފައިސާގެ ބޭނުމުގައި އެވަގުތަކު ލިބުނު މަސައްކަތެއް ކުރާށެވެ. އެގޮތައް މަސައްކަތް ކުރުމުގެ ތެރޭގައި އެންމެ ސިފަ ހުތުރު މީހާ ހޮވާ މުބާރާތެއް ބާއްވަން އުޅޭކަން އެނގި، އެ މުބާރާތުގައި އޭނާ ބައިވެރިވި އެވެ.
އެ މުބާރާތް ބާއްވާ ފަރާތުން އެއްވަނައަށް ލިބޭ ފަރާތަށް ރަނގަޅު ފައިސާގެ އިނާމަކާއި ގިނަ އިނާޔަތްތައް ހުށަހެޅި އެވެ. މިފަދަ މުބާރާތްތަކަކީ މީހުން މުނިފޫހި ފިލުވުމަށް އެޒަމާނުގައި ބޭއްވޭ މުބާރާތްތަކެވެ.
މުބާރާތުން އެއްވަނަ ލިބިއްޖެ ނަމަ، ގިނަގުނަ އިނާޔަތްތައް ލިބޭނެތީ އާއި އަދި ޑޮކްޓަރުން އޭނާގެ ބައްޔަށް ކުރެވޭނެ ފަރުވާއެއް ނެތް ކަމަށް ބުނާތީ، އޭނާ ނިންމީ އޭނާގެ ހުތުރު ސިފައަށް ލިބޭ ސަމާލުކަމުގެ ފުރިހަމަ ފައިދާ ނަގާށެވެ. ދަރިންގެ ހައްގުގަ އެވެ.
އެ މުބާރާތުގައި މޭރީ ބައިވެރިވެ 250 މީހުންނާ ވާދަކޮށް އޭނާ އެއްވަނައަށް ދިޔަ އެވެ. އަދި ލިބުނު ގިނަގުނަ ފައިސާއާއި އިނާޔަތްތަކުން ދަރިންގެ ޚަރަދުބަރަދު ހަމަޖެއްސި އެވެ.
މެރީގެ ހަޔާތުގެ ބާކީއޮތް ދުވަސްތައް އޭނާ ހޭދަކުރީ މިފަދަ ގޮތަކަށް އޭނާގެ ހުތުރު ސިފަ މީހުންނަށް ދައްކައި، މީހުން މުނިފޫހިފިލުވުމަށް ބަލަން ބޭނުންކުރާ އެއްޗެއްގެ ގޮތުގަ އެވެ. މީހުންގެ މަލާމާތާއި ފުރައްސާރައަށް ކެތްކޮށް އެ މަސައްކަތުން ލިބޭ ފައިސާ އިން ދިރިއުޅުމުގެ ކަންކަން ފުއްދުމުގަ އެވެ. މޭރީ ދުނިޔެ ދޫކުރީ 1930 ގައި އުމުރުން 59 އަހަރުގަ އެވެ.