ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ބަތަލާ ޖެނިފާ ލޮޕޭޒް، އޭނާއަކީ "ދޮން ބަތަލާއަކަށް" ނުވުމުގެ ސަބަބުން ހޮލީވުޑްގެ ފިލްމުތަކުން ބޮޑެތި ރޯލުތައް ހޯދުމަށް އުނދަގޫތަކާ ކުރިމަތިވި ކަމަށް ބުނުމާ ގުޅިގެން ސޯޝަލް މީޑިއާގައި އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އެބަދެއެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ލެޓިނާ ނަސްލަށް ނިސްބަތްވާ ޖެނިފާ ލޮޕޭޒް ބުނެފައިވަނީ، އޭނާގެ ފިލްމީ ކެރިއަރުގެ ކުރީކޮޅު ހޮލީވުޑްގެ މައިގަނޑު ރޯލުތަކަށް އޭނާ ހިޔާރު ކުރުމުގައި ސްޓޫޑިއޯތަކުން ފަސްޖެހުނު ކަމަށެވެ.

އެގޮތުން އޭނާއަށް ގިނައިން ލިބެމުން ދިޔައީ ވަކި ނަސްލަކަށް ހާއްސަ ކޮށްފައި ހުންނަ އާދައިގެ ރޯލުތައް ކަމަށާއި، ދޮން ނަސްލުގެ ބަތަލާއިންނަށް ލިބޭ ފަދަ ބޮޑެތި ފުރުސަތުތައް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހުނު ކަމަށް އޭނާ ފާހަގަކުރި އެވެ.

ނަމަވެސް، ޖެނިފާ ލޮޕޭޒްގެ މި ވާހަކަތަކާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، 1990ގެ އަހަރުތަކުން ފެށިގެން ޖެނިފާ ލޮޕޭޒަކީ ހޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު، އަދި އެންމެ ގިނަ ފުރުސަތުތައް ލިބުނު އެއް ބަތަލާ އެވެ.

އެގޮތުން "ސެލީނާ" އާއި "މެއިޑް އިން މެންހެޓަން" ފަދަ ކާމިޔާބު އެތައް ފިލްމެއްގެ މައިގަނޑު ރޯލު އޭނާ ކުޅެފައިވާކަން ގިނަ ބަޔަކު ދަނީ ހަނދާން ކޮށްދެމުންނެވެ.

މީގެ އިތުރުން، ބައެއް މީހުން ވަނީ ހޮލީވުޑްގައި ކަޅު ނަސްލުގެ ބަތަލާއިންނާއި އެހެނިހެން ނަސްލުތަކުގެ ފަންނާނުންނަށް ކުރިމަތިވި ހަގީގީ ތަފާތުކުރުންތަކާ އަޅާބަލާއިރު، ޖެނިފާ ލޮޕޭޒަށް އަބަދުވެސް ހޮލީވުޑްގެ އެންމެ މަތީ ފަންތީގެ ފުރުސަތުތައް ލިބިފައިވާ ކަމަށް ބުނެ އޭނާގެ ވާހަކަތައް ދޮގުކޮށްފަ އެވެ.

މި މައްސަލައިގައި ޖެނިފާ ލޮޕޭޒް އަދި އިތުރު ބަހެއް ބުނެފައެއް ނުވެ އެވެ.