ރަށްރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ގެންގޮސްފައި ހުރި ސާމާނު ބޭނުންނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އަވީގައި ހުރެ މުރަނަވެ، "ވަޅޯމަހަށް" ބަދަލުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރައްވަމުން މެންބަރު ޝާކިރު ވަނީ، ލ. އަތޮޅުގެ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުދާތީ އެ މަސައްކަތް އަލުން ފަށައި ނިންމާލެވޭނެ ތާރީހަކާ ގުޅޭގޮތުން ސުވާލު އަމާޒުކުރައްވާފަ އެވެ.
ޝާކިރު ވިދާޅުވި ގޮތުގައި، ރަށްރަށުގައި ނަރުދަމާގެ މަސައްކަތަށް ގެންގޮސްފައި ހުރި ހޮޅިތަކާއި އެހެނިހެން ސާމާނު ބޭނުންނުކޮށް އަވީގައި ބަހައްޓާފައި ހުރުމުން، އެ ތަކެތީގެ މަތީގައި އަޅާފައި ހުރި ސަތަރިތައް ހަލާކުވެ، އަވީގައި ހުރެގެން ވަނީ މުރަނަވެފަ އެވެ. މިއީ ބޮޑު އިސްރާފެއްގެ ގޮތުގައި ސިފަކުރައްވަމުން، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަރުދަމާ އަޅަން ގެންގޮސްފައި ހުރި ހޮޅިތަކާއި އެއްޗެހި، ބޭނުންނުކޮށް އަވީގައި ހުރެ އެ އެއްޗެހި މުރަނަވެގެން ގޮސް ވަޅޯމަހަށް ބަދަލުވެއްޖެ މިހާރު،" މެންބަރު ޝާކިރު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީ އަހަރުތަކުގެ ބަޖެޓުތަކާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓުގައި މި ދާއިރާއަށް ކަނޑައަޅާފައިވާ އަދަދު 258.5 މިލިއަން ރުފިޔާއިން 163.3 މިލިއަން ރުފިޔާއަށް ކުޑަވެފައިވާކަން ޝާކިރު ފާހަގަކުރެއްވި އެވެ. އެއީ ގާތްގަނޑަކަށް 37 އިންސައްތައިގެ ދަށްވުމެއް ކަމަށް ވިދާޅުވެ، ބަޖެޓު މިހާ ބޮޑަށް ކުޑަވެފައިވާއިރު ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ކިހިނެއްތޯ އޭނާ ވަޒީރާ ސުވާލުކުރެއްވި އެވެ.
މެންބަރު ޝާކިރުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެށިފައި ހުރި މަޝްރޫއުތައް ހުއްޓާލުމަށްފަހު ސަރުކާރުގެ އަމިއްލަ އެޖެންޑާއާއެކު ކުރިއަށްދިއުމުގެ ވިސްނުން ގެންގުޅެވެން އޮތް ނަމަވެސް، ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތަކަކީ "ދޮންދަރިން" ކަމަށް ބަލައި އެއްފަރާތް ނުކުރައްވާ ކަމަށެވެ.
"ކުރިން ފަށާފައި ހުރި ޕްރޮޖެކްޓްތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދާފައި އެއްފަރާތްކޮށްލުމުގެ ބަދަލުގައި، އެއީ މި ސަރުކާރުގެ ވެސް އަމިއްލަ ޕްރޮޖެކްޓްތަކެއް ކަމަށް ދެކިގެން ކުރިއަށް ގެންދަން މަސައްކަތް ކުރީ،" ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ކުޑަ ނަމަވެސް، އަންނަ އަހަރު އައު މަޝްރޫއުތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށާއި، ބަޖެޓު މައިގަނޑު ގޮތެއްގައި ފަރުމާކޮށްފައި ވަނީ މިހާރު ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ.
މަސްދަޅު ކޭސް ބަހަން އަންނަ އަހަރަށް 86.8 މިލިއަން ރުފިޔާ
ކެމެރާއަށްވުރެ ދަރިފުޅުގެ ކުރިމަތީގައި ހުންނަ ހިތްވޭ: އާލިއާ
މީހުން ހަނދާން ހުންނަނީ އަހަރެން ކުޅުނު އެންމެ ފިލްމެއް: ކަރީނާ