ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ތޯހާ އަފްޣާނިސްތާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރާ، ސަރުކާރުގެ ހުއްދަ ނުހޯދައި ބައްދަލު ކުރެއްވުމުން ފިޔަވަޅު އަޅައިފި އެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުގެ ސަރުކާރު ތަމްސީލު ކުރާ އެކްޓިން އެމްބެސަޑަރު ސަރްދާރް އަހުމަދު ޝަކީބު އާއި ތޯހާ އިސްލާމްއާބާދުގައި ބައްދަލު ކުރެއްވީ މިދިޔަ ހުކުރު ދުވަހެވެ.
މިކަމާއި ގުޅިގެން މިއަދު ފޮރިން މިނިސްޓްރީ ނެރުނު ބަޔާނެއްގައި ބުނީ އެ ބައްދަލުވުމަށް ތޯހާ ވަޑައިގެންނެވީ ސަރުކާރުގެ ހުއްދަ ނުހޯއްދަވާ ކަމަށެވެ. މިކަމާއި ގުޅިގެން ސަފީރަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހިރާއްޖެއިން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި އަބަދުވެސް ބަލަނީ އދ. އިން ކަނޑައަޅާފައިވާ މިންގަޑުތަކާއި އުސޫލުތަކަށް. އަދި މި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން، އދ. ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ފަރާތަކީ އަފްޣާނިސްތާނުގެ ސަރުކާރުގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަންނަ ފަރާތް ކަމުގައި ދެންނެވިން،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.
ހުކުރު ދުވަހުގެ ބައްދަލުވުމާއި ގުޅޭގޮތުން ޕާކިސްތާނުގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސަޑަރުގެ އޮފީހުން ބުނެފައިވަނީ މި ބައްދަލުވުމުގައި، ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ވިޔަފާރީގެ ގުޅުން ގާއިމުކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރި ކަމަށެވެ.
އަދިވެސް ތަންތާ ތިބޭ ގަޅިންނަށް އެމްބެސަޑަރުކަން ދީފަ ފޮނުވާ. މިއޮތީވާ ސަރުކާރެއް. ދިވެހިން ބޮލާފޮށާ އެޅެމުން މިދަނީ.
ރިޕްލައި