އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފުސީލާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފުސީލު ނުހިމަނާ އޮތުމުން ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ކޮންމެ އަހަރެއްގައިވެސް މަޖިލީހަށް ބަޖެޓު ހުށަހަޅާއިރު، ރަށްރަށުގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން އަލަށް ފަށާ ސިޔާސަތުތަކުގެ ތަފުސީލުތައް ހިމަނައި، ވަކިވަކި ކަންކަމަށް ބަޖެޓުކޮށްފައިވާ އަދަދު ވަރަށް ތަފުސީލުކޮށް ހިމަނާފައިހުރެ އެވެ. ހާއްސަކޮށް ޕީއެސްއައިޕީގެ ދަށުން ހިންގާ މަޝްރޫއުތަކާއި އަލަށް ފަށާ ކަންކަމަށް ކަނޑައަޅާ ބަޖެޓް ބަލާލެވެން ހުރެ އެވެ.

ނަމަވެސް މި އަހަރުގެ ބަޖެޓު ފޮތުގައި މިފަދަ އެއްވެސް ތަފުސީލެއް ނެތެވެ. މީގެ އިތުރުން ދުނިޔޭގެ މާލީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތު އަންގައިދޭ ލިޔުންތަކާއި އެފަދަ ގުޅުންހުރި ލިޔުންތައްވެސް ހިމަނާފައިނެތްކަން ފާހަގަކުރެވެ އެވެ.

މިކަމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނެ އެވެ. އެންމެންގެވެސް ކަންބޮޑުވުމަކީ ތަފުސީލުތައް ހިމަނާފައި ނެތުމުން އަންނަ އަހަރު ރަށްރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ތަފުސީލުތައް އެނގެންނެތުމެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރުގެ ސަޕްލިމެންޓާ ލައިގެން ބަޖެޓު ކުރި 54.9 ބިލިއަން ރުފިޔާއަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކައުންސިލްތަކަށް ދިނުމަށް ގާނޫނީ ގޮތުން ކަނޑައަޅާފައިވާ މިންވަރަށްވުރެން މަދުން ބަޖެޓުގައި ހިމަނާފައި ވުމުންވެސް ކައުންސިލްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން ދައުލަތުގެ ބަޖެޓުގެ ޖުމްލަ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހޭ ކަމަށް ބަޔާން ކޮށްފައި އޮންނައިރު، ހުށަޅާފައިވާ ބަޖެޓްގެ ފަސް ޕަސެންޓަކީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކައުންސިލްތަކަށް ދިނުމަށް ބަޖެޓްގައި ޖަހާފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.