އެމެރިކާގެ ރިޔާސީ އިންތިޚާބު މިއަދު ކުރިއަށް ދާއިރު، ޕޯލްތަކުން ދައްކާ ގޮތުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ކަމަލާ ހެރިސް އާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ދަނީ ބޮޑެތި ސިޓީތަކާއި ގިނަ ސްވިންގް ސްޓޭޓް (ކޮންމެ ޕާޓީއަކަށްވެސް ނަތީޖާ ބަދަލު ކުރެވިދާނެފަދަ ސްޓޭޓްތައް) ތަކުގައި ވަރަށް ގާތްކޮށް ވާދަކުރަމުންނެވެ.

މިއަދުގެ މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ މީހުން ވޯޓްލާފައިވާކަމަށް ފްލޮރިޑާ ޔުނިވަރސިޓީގެ އިލެކްޝަން ލެބުގެ ޓެލީއިން ދައްކަ އެވެ. ކަމަލާ އަދި ޓްރަމްޕްގެ ކެމްޕޭން ޓީމުތަކުން ވަނީ އަދިވެސް ވޯޓު ނުލާ ތިބި ތާއީދުކުރާ ފަރާތްތަކަށް ވޯޓުލުމަށް ގޮވާލާފަ އެވެ.

އެމެރިކާގެ އިންތިޚާބުގެ މުހިންމު ބެޓަލްގްރައުންޑް ސްޓޭޓްތަކުގެ ތެރޭގައި ޕެންސިލްވޭނިއާ، ނޯތު ކެރޮލައިނާ، ޖޯޖިއާ، މިޝިގަން، އެރިޒޯނާ، ވިސްކޮންސިން އަދި ނެވާޑާ ހިމެނެ އެވެ.

ނިއު ޔޯކް ޓައިމްސް/ސިއެނާއިންގެ ޕޯލުން ދައްކާ ގޮތުގައި ޓްރަމްޕް އާއި ހެރިސް ވަނީ ޕެންސިލްވޭނިއާގައި އެއްވަރުވެފަ އެވެ. ދެ ކެންޑިޑޭޓުންވެސް ވަނީ 48 އިންސައްތަ ވޯޓު ހޯދާފަ އެވެ.

އަނެއްކޮޅުން، ފައިވްތާޓީއެއިޓްގެ ޕޯލްއިން ދައްކާ ގޮތުގައި ކަމްލާ އުޅެނީ ޓްރަމްޕްއަށްވުރެ 1 އިންސައްތަ ކުރީގަ އެވެ. ފައިވްތާޓީއެއިޓް ޑެއަލީ ޓްރެކަރުން ދައްކާ ގޮތުގައި ކަމަލާ ވަނީ މިޝިގަން އަދި ވިސްކޮންސިންގައި ކުޑަ ތަފާތަކުން ކުރި ހޯދާފަ އެވެ. އެއީ އެވްރެޖްކޮށް 0.8 އަދި 0.6 ޕޮއިންޓްގެ ތަފާތުންނެވެ.

ޕޯލްތަކުން ދައްކާ ނަތީޖާ

ޓްރަމްޕް ވަނީ އެރިޒޯނާގައި ކަމްލާއަށްވުރެ 2.5 ޕޮއިންޓް ކުރި ހޯދާފަ އެވެ. ނޯތު ކެރޮލައިނާ އަދި ޖޯޖިއާގައި އޭނާގެ ލީޑް ވަނީ 1.5 ޕޮއިންޓްގަ އެވެ. މީގެ އިތުރުން ޓްރަމްޕް ވަނީ ނެވާޑާގައި 0.9 ޕޮއިންޓްގެ ލީޑެއް ހިފަހައްޓާފަ އެވެ. އަދި ވަރަށް މުހިންމު ސްޓޭޓެއްކަމަށް ބެލެވޭ ޕެންސިލްވޭނިއާގައި އޭނާ ވަނީ 0.3 ޕޮއިންޓްގެ ކުޑަ ތަފާތަކުން ކުރި ހޯދާފައިކަން ފާހަގަކޮށްލެވެ އެވެ.

ސްވިންގް ސްޓޭޓް ޕޯލްތަކުގެ ނަތީޖާ

އެމެރިކާގައި މީގެ ކުރިން ބާއްވާފައިވާ ރިޔާސީ އިންތިޚާބުތަކުގެ އިންތިޚާބު ކާމިޔާބުކުރެވޭ މީހަކު ވޯޓު ނަގާދުވަހުގެ ރޭ ނުވަތަ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު އެނގޭވަރުވެ އެވެ. ނަމަވެސް މިފަހަރު، ގިނަ ސްޓޭޓްތަކުގައި ވާދަވެރިކަން ވަރަށް ގާތްކަމުން، މީޑިއާ އައުޓްލެޓްތަކުން ކާމިޔާބުކުރި ފަރާތް އިއުލާނުކުރުމަށް އިތުރު ވަގުތު ނަގާނެކަމަށް ބެލެވެ އެވެ.

މި އިންތިޚާބަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފަވާއިރު، އެމެރިކާ ރައްޔިތުންގެ ވޯޓުގެ ނިންމުމަކީ ދުނިޔޭގެ އެހެން ގައުމުތަކަށްވެސް އަސަރުކުރާނެ ނިންމުންތަކަކަށް ވެގެން ދާނެ އެވެ. އިންތިޚާބުގެ ނަތީޖާއިން އެމެރިކާގެ ސިޔާސަތުތަކަށް އަންނާނެ ބަދަލުތަކާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ދަނީ ބަހުސްކުރެވެމުންނެވެ.