ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުން މެދުނުކެނޑި ކުރިޔަށް ގެންދަން، އިންޑިއާގެ ސިރަމް އިންސްޓިއުޓުން 200،000 ޑޯޒުގެ ވެކްސިން ގަނެ، ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި ރާއްޖެ ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިންޑިއާގެ ސިރަމް އިންސްޓިއުޓުން އުފައްދާ އެސްޓްރާޒެނެކާ "ކޮވިޝިލްޑް" ވެކްސިން ގެންނަން ނިންމީ މިހާރު ރާއްޖެ ގެނެސްފައިވާ ސްޓޮކް ހުސްވާން ކައިރިވެފައިވާތީ ކަމަށެވެ.

"އަޅުގަނޑުމެން ސިންގަޕޫރުގެ އެސްޓްރާޒެނެކާއިން ގަންނަން އޯޑަރު ދިން ސްޓޮކް ރާއްޖެއަށް ލިބެން ފަށާނީ އަންނަ މެއި ނުވަތަ ޖޫން މަހު. އެހާ ދުވަސްވަންދެން ވެކްސިން ދިނުން މެދުކަނޑާލާފައި ނުބާއްވަން ވެގެން އިންޑިއާއިން މިގެންނަނީ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސިންގަޕޫރު އެސްޓްރާޒެނެކާއިން ގަންނަ 700،000 ޑޯޒާއެކު އިތުރު ވެކްސިންތައް ވެސް ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ވަކި ވެކްސިނަކަށް މަޑުކުރާކަށް ނުޖެހޭ. ލިބޭ ވެކްސިނެއް ޖަހައިގެން އަވަހަށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެންމެން ވެސް ވެކްސިން ޖަހަން އެބަ ޖެހޭ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ބިދޭސީންނާއެކު ވެކްސިން ދިނުމަށް ގާތްގަނޑަކަށް އެއް މިލިއަން ޑޯޒު ރާއްޖެއަށް ބޭނުންވާ ކަމަށެވެ. އަދި އޭގެ ތެރެއިން މިހާރު 200،000 އަށް ވުރެ ގިނަ ޑޯޒުގެ ވެކްސިން ރާއްޖެ ގެނެސް ޖަހަމުން އަންނަ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިތުރު ދެ ލައްކަ ޑޯޒުގެ ވެކްސިން ރާއްޖެ ގެނައުމަށް. މިކަން މެދުނުކެނޑި ކުރިޔަށް ގެންދަން މަސައްކަތްކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާ އިން ވެކްސިން ގަތުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ހަތަރު މާއްދާއަކަށް އަމަލު ނުކުރަން ނުޖެހޭ ކަމަށް ކަނޑައަޅައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބުރާސްފަތި ދުވަހު ގަރާރެއް ނެރުއްވައިފަ އެވެ.

ފިނޭންސް މިނިސްޓަރުގެ ގަރާރުގައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޓެޑާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވެކްސިން މިވަގުތު ވަކި ބައެއްގެ އަތުން ނޫނީ ލިބެން ނެތުމުން އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުން ދަނީ ޕްރޮކިއުމެންޓްގެ ޚާއްސަ އުސޫލުތަކުގެ ދަށުން ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ކޮވިޑް ވެކްސިން ދޭން ރާއްޖޭގައި ފެށީ އިންޑިއާ ސަރުކާރުން 100،000 ޑޯޒުގެ ވެކްސިން ހިލޭ ދިނުމުންނެވެ. އަދި އޭގެ ފަހުން އިތުރު 100،000 ޑޯޒުގެ ވެކްސިން މިދިޔަ މަހު ވެސް އެ ގައުމުން ދީފައިވެ އެވެ. މީގެ އިތުރުން ކޮވިޑް- 19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް)އިން ރާއްޖެއަށް 12،000 ޑޯޒްގެ ކޮވިޝީލް ވެކްސިން ހަދިޔާކޮށްފައިވެ އެވެ. އެއީ ވެސް ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިންގެ 12،000 ޑޯޒް ޑޯޒެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އިއްޔެގެ ނިޔަލަށް 188،436 މީހުންނަށް ވެކްސިން ދީފައިވެ އެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ވެކްސިން ދިން 105،836 މީހުން ހިމެނެ އެވެ. އަދި އަތޮޅުތަކުގައި ވެސް 82،600 މީހަކަށް ކޮވިޑް ވެކްސިންދީފައިވެ އެވެ.