ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފުވުމުން، މަޝްހޫރު އެސްޓާސް ފިހާރަ މިއަދު ބަންދުކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ އެސްޓާސް ފިހާރަ މިއަދު 3:00 ން ފެށިގެން ބަނދުކުރީ އާންމުންނަށް ހިދުމަތްދޭ ތަންތަނަށް ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް، ގައިދުރުމިން ނުބަހައްޓާ ހިދުމަތް ދެމުންދާތީ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން އާންމު ހިދުމަތްދޭ ތަންތަނުގައި ގައިދުރުކަން ހިފަހައްޓަން ޖެހޭނެ އެވެ. އަދި ތިން ފޫޓް ދުރުމިނުގައި މީހުންނަށް ތިބެވޭނެހެން އެއްފަހަރާ ވަދެވޭ މީހުންގެ އަދަދު ކަނޑައަޅާ ބޭރުން ފެންނާނެހެން ހަރުކުރެވިފައި ހުރުން ލާޒިމެވެ.
ފިހާރައަށް ވަދެވޭ މީހުންގެ އަދަދު ކަނޑައެޅުން އެޗްޕީއޭއިން ވިޔަފާރިވެރިންގެ އަތްމައްޗަށް ދޫކޮށްފައިވާއިރު އެސްޓާސް އަށް އެއްފަހަރާ ވަދެވޭ މީހުންގެ އަދަދަކަށް ބޭރުގައި ޖަހާފައިވަނީ 160 މީހުންނެވެ. އެހާ ގިނަ އަދަދެއްގެ މީހުންނަށް ގައިދުރުކަން ބެހައްޓައިގެން އެތަނުގައި ހިދުމަތް ދުނުމަކީ ނާދިރު ކަމެކެވެ.
އެޗްޕީއޭއިން މިހާރު ކުރިއަށްގެންދާ ބޮޑު އިންސްޕެކްޝަންގައި ވިޔަފާރިތައް ބަންދުކުރަނީ އުސޫލުތަކާ އެއްގޮތަށް ބަދަލުކުރަން ދެ ފުރުސަތު ދިނުމަށްފަހު އެވެ.
އެގޮތުން އުސޫލްތަކާ ހިލާފްވާނަމަ ފުރަތަމަ އިންސްޕެކްޝަނުގައި ހުދު ނޯޓިސް، ދެވަނަ ތިންވަނަ އިންސްޕެކްޝަނުގައި ދެނީ ރަތް ނޯޓިސް އެވެ. އަދި ހިދުމަތްދޭ ތަނެއް ބަންދު ކުރަނީ ތިންވަނަ އިންޕެކްޝަނުގައި ވެސް އެފަދަ ކަމެ އްތަކުރާރުވާކަން ފާހަގަކުރެވޭ ނަމަ އެވެ.
އެސްޓާސް ދެން ހުޅުވޭނީ ބަންދުކުރިތާ 24 ގަޑިއިރަށް ފަހު، އެޗްޕީއޭއިން އިންސްޕެކްޓްކޮށް، އުސޫލްތަކަށް ފެތޭ ކަމަށް ނިންމުމުންނެވެ.