ޕްރިންސް ހެރީ އާއި މޭގަން މާކަލް، އޯޕެރާއަށް ދިން އިންޓަވިއުއަށް ފަހު އެ ދެމަފިރިންގެ މަގުބޫލުކަން ދަށަށް ގޮސްފައިވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

މި އިންޓަވިއުގައި އެ ދެމީހުން ވަނީ ޝާހީ އާއިލާއިން ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.

މިކަން ވީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ބަލައިގަނެވޭ ކަމަކަށް ނޫނެވެ.

"ޔޫގޯވް" ނަމަކަށް ކިޔާ ވެބްސައިޓަކުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން އިންޓަވިއުއަށް ފަހު ޕްރިންސް ހެރީގެ މަގުބޫލުކަން ވަނީ 15 ޕޮއިންޓް ދަށަށް ވެއްޓިފަ އެވެ.

ފާއިތުވެދިޔަ ދިނަ ދުވަސް ތެރޭގައި މޭގަންގެ މަގުބޫލުކަން ވެސް 13 ޕޮއިންޓް ދަށަށް ގޮސްފައިވާ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންގެ މެދުގައި އެންމެ މަގުބޫލީ ރާނީ އެލިޒަބަތެވެ. އެއީ ދިރާސާގައި ބައިވެރިވި ކޮންމެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނެވެ.

ޕްރިންސް ވިލިއަމް އާއި އޭނާގެ އަންހެނުން ކޭޓްއަށް އޮތް ތާއީދު ވެސް ބޮޑެވެ.

އެ ދިރާސާއިން ދައްކާގޮތުން އެންމެ ތާއީދު ކުޑަ ޝާހީ އާއިލާގެ މެންބަރަކީ ޕްރިންސް އެންޑްރޫ އެވެ.