ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އަންނަ ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާތަކާ ދިމާކޮށް، އެމަނިކުފާނުގެ ދައްތާފުޅު އަލީމާ ޚާނަމް ހައްޔަރުކޮށްފައިވާ ކަމަށް ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނެފި އެވެ.
ޕީޓީއައިގެ އޮފިޝަލުން ހާމަކުރި ގޮތުގައި އަލީމާ ޚާނަމް ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ލާހޯރުންނެވެ. އެ ޕާޓީން މި އަމަލު ސިފަކުރަނީ ޣައިރު ގާނޫނީ ހައްޔަރުކުރުމެއްގެ ގޮތުގަ އެވެ. އަދި އޭނާގެ ދަރިފުޅު ވަނީ މަންމަ ވަގުތުން ދޫކޮށްލުމަށް ގޮވާލާފަ އެވެ.
ލާހޯރުގެ ޑެޕިއުޓީ ކޮމިޝަނަރު ނެރުއްވި އަމުރުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ އާއި އެކި އެއްވުންތަކުގެ ޒަރީއާއިން އިމްރާން ޚާންގެ ސަޕޯޓަރުން އެއްކުރުމަށް އަލީމާ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވެސް އެ އަމުރުގައިވެ އެވެ.
އަލީމާ ޚާނަމަކީ އޭނާގެ ކޮއްކޮ އިމްރާން ޚާން ޖަލަށްލާފައިވާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ދަނީ ގަވާއިދުން މީޑިއާތަކާއި ސަޕޯޓަރުންނާ ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ.
ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބީބީސީ އިން ރިޕޯޓުކުރި ގޮތުގައި އަލީމާ ހައްޔަރުކޮށް، ލާހޯރުގެ ކޮޓް ލަކްޕަތު ޖަލަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ހައްޔަރުކުރުމުގެ ކުރިން، އާއިލާއިން ބުނެފައިވަނީ އަލީމާ އުޅޭ ތަނެއް ނޭނގޭ ކަމަށާއި އެއްވެސް ހަބަރެއް ނުވާ ކަމަށެވެ. އަލީމާގެ ދަރިފުޅު ޝަހްރޭޒް ޚާން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، އޭނާގެ މަންމަ ހުރި ތަނެއް ހާމަކޮށް، ރައްކާތެރިކަމާއެކު ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
ބެލެވޭ ގޮތުގައި އަލީމާ ހައްޔަރުކުރީ ސެޕްޓެމްބަރު 27 ގައި މުޅި ގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާއާ ގުޅިގެންނެވެ. މި މުޒާހަރާގެ ބައިވެރިން ގަސްތުކުރަނީ ވެރިރަށް އިސްލާމްއާބާދަށް އެއްވުމަށެވެ. ހައްޔަރުކުރުމުގެ އަމުރުގައި ބުނެފައިވަނީ، އަމަންއަމާންކަން ގެއްލޭ ފަދަ ކަންކަމަށް މަގުފަހިކުރުމަށާއި، ސަރުކާރާ ދެކޮޅަށް ނޭދެވޭ ޝިއާރުތައް އުފުލުމަށް އަލީމާ ބާރުއަޅަމުންދާ ކަމަށެވެ.
މި މުޒާހަރާތަކާ ގުޅިގެން އިސްލާމްއާބާދުގެ މަގުތަކުގައި ކޮންޓެއިނަރުތައް ޖަހައި، ސަރުކާރުގެ އިމާރާތްތަކުގެ ރައްކާތެރިކަން ވަނީ ވަރުގަދަކޮށްފަ އެވެ. ޕާކިސްތާނުގެ ދާހިލީ ވަޒީރު ވިދާޅުވެފައިވަނީ މިފަދަ މުޒާހަރާތަކުގެ ސަބަބުން ގައުމަށް ގެއްލުންވާ ކަމަށާއި، އެކަން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު ލިބިވަޑައިގެންނެވި ހަދިޔާތައް ވިއްކައިގެން ލިބުނު ފައިސާގެ ތަފްސީލު ހާމަނުކުރި މައްސަލާގައި، ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައި އިމްރާން ޚާން ހައްޔަރުކުރީ 2023 ވަނަ އަހަރު އެވެ. އޭގެ ފަހުން ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭހެން 100 އަށްވުރެ ގިނަ ދައުވާ އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފަ އެވެ. އިމްރާން ޚާން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައި ވިދާޅުވަނީ މިއީ ސިޔާސީ ގޮތުން ކުރާ ދުއްޕާންތަކެއް ކަމަށެވެ.
މިދިޔަ އަހަރު ކޮރަޕްޝަންގެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މިއީ މިހާތަނަށް އެމަނިކުފާނަށް އިއްވި އެންމެ ދިގު ހުކުމެވެ. ޖަލުގައި ހުންނަވަނިކޮށް އިމްރާން ޚާންގެ ސިއްހީ ހާލަތު ދަށަށް ދާތީ، މިދިޔަ މަހު ވަނީ ޗެކަޕް ހެދުމަށް ހޮސްޕިޓަލަށް ވެސް ގެންގޮސްފަ އެވެ.
އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް: ސައުދީ
އަމީތާބުގެ ޝަހްސީ ހައްގުތައް ހޯދަން ކޯޓަށް ހާޒިރުވާން އަމުރެއް!
ސަމާލުވޭ! ފޯނާއި ލެޕްޓޮޕްގެ ސްކްރީން އަލިން ލޯތައް ހަލާކުވަނީ!
