ކޮލަމްބޯ (13 މާޗް)- އަވައްޓެރި ސްރީލަންކާގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ މޫނު ބުރުގާ އެޅުން މަނާކުރުމަށް ނިންމައިފި އެވެ.

ބީބީސީ އާ ވާހަކަދައްކަވަމުން އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަސް ވީރަސޭކަރަ ވިދާޅުވި ގޮތުުގައި މި ނިންމުން މިހާރު ވަނީ ކެބިނެޓުން ފާސްކޮށްފަ އެވެ. އަދި ނިންމުން ތަންފީޒުކުރަން މިހާރު ބޭނުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ ރުހުމެވެ.

ސްރީލަންކާ ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އީސްޓާ ސަންޑޭއަކާ ދިމާކޮށް އެ ގައުމުގެ ޓޫރިސްޓް ހޮޓާތަކާއި ފައްޅިތަކަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ދެ އަހަރު ފުރެން ކައިރިވެފައިވަނިކޮށެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ޖާނުން ފިދާވެގެން ދިން މި ހަމަލާތަކުގައި އެ ގައުމުގެ 250 މީހުން މަރުވި އެވެ. އައިއެސް އިން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ.

އޭރު ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ވަގުތީ ގޮތުން މޫނު ނިވާކުރުން އެ ގައުމުގައި މަނާކުރި އެވެ. މިހާރު އެ ގައުމުގެ ސަރުކާރުން ބޭނުންވަނީ އެކަން ދާއިމީ ބަދަލަކަށް ހެދުމެވެ.

ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ވީރަސޭކަރަ ވިދާޅުވިގޮތުގައި މޫނު ބުރުގާއަކީ ދީނީ ގޮތުން ހައްދަފަހަނަޅާ ގޮސްފައިވާކަމުގެ ހެއްކެއް ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށެވެ. އަދި މި ނިންމުން ނިންމަން މާ ލަސްވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ނިންމުމާއެކު އިސްލާމީ ތައުލީމު ދޭ 1،000 އެއްހާ ސްކޫލް ވެސް ބަންދުކުރުމަށް ސްރީލަންކާގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. ވީރަސޭކަރަ ވިދާޅުވިގޮތުގައި މި "އިސްލާމީ މަދަރުސާ"ތައް ހިންގަނީ އެ ގައުމުގައި ތައުލީމު ދިނުމުގެ އުސޫލާ ހިލާފަށެވެ.

"އެއްވެސް ބަޔަކަށް ހަމަ ތިބެފައި ސްކޫލެއް ހަދައިގެން ކުދިންނަށް ކިޔަވައިނުދެވޭނެ. އެކަން ކުރަން ޖެހޭނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.

"ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް ސްކޫލްތަކުން ކިޔަވައިދެނީ ހަމައެކަނި އަރަބި މާއްދާއާއި ގުރްއާން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ވީރަސޭކަރަ އިތުރަށް ވިދާޅުވި އެވެ.

ސްރީލަންކާގެ މުސްލިމުން ދަނީ މިކަމާ ނުރުހުން ފާޅުކޮށް ވާހަކަދައްކަމުންނެވެ. އެގޮތުން އެ ގައުމުގެ މުސްލިމް ކައުންސިލުގެ ނައިބު ރައީސް ހިލްމީ އަހްމަދު ވިދާޅުވިގޮތުގައި ބުރުގާ އަޅައިގެން ތިބޭ މީހުން ވަކިކުރަން އުނދަގޫވިޔަސް ސަލާމަތީ ކަންކަމުގައި ކާކުކަން ދެނެގަތުމަށް މޫނު ދެއްކުމަށް އެއްވެސް މީހަކު ދެކޮޅު ނަހަދާނެ އެވެ. އަދި ކޮންމެ ދީނެއްގެ ކޮންމެ މީހަކަށް ވިޔަސް މޫނު ފޮރުވަން ބޭނުންވާ ނަމަ އެ ފުރުސަތު އެމީހަކަށް އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމައެކަނި ދީނީ ނަޒަރަކުން ބަލަންވީ ކަމެއް ނޫން. މިއީ އިންސާނީ ހައްގުތަކުގެ ނަޒަރުންވެސް ބަލަންޖެހޭ ކަމެއް،" ހިލްމީ ވިދާޅުވި އެވެ.

މަދަރުސާތައް ބަންދުކުރުމާ ގުޅޭ ގޮތުން ހިލްމީ ބުނީ މިހާރު ވެސް މުސްލިމް ގިނަ މަދަރުސާތައް ހިންގަނީ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ކަމަށެވެ.

"ސްކޫލްތަކުގެ ތެރޭގައި ހުރެދާނެ ގާނޫނާއި ގަވާއިދަށް ބޯނުލަނބާ ފަސް އިންސައްތަ ވަރަކަށް ސްކޫލް. އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހެންޔާ އަޅާ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ސްރީލަންކާ އިން ވަނީ އެ ގައުމުގައި ކޮވިޑް-19 ޖެހޭ މުސްލިމުން، އެ މީހުންގެ އާއިލާތަކުގެ ނުރުހުމުގައި ވަޅުލުމުގެ ބަދަލުގައި އަންދާލުމަށް މަޖުބޫރުކޮށްފަ އެވެ. އެހެން ނަމަވެސް ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާތަކުގެ ފާޑުކިޔުންތަކާއެކު ސަރުކާރުން ވަނީ އެ ނިންމުން ވަނީ ބާތިލުކޮށްފަ އެވެ. -- ރޮއިޓާސް