ކޮވިޑް-19 އާއި ގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި އެމްއެންޑީއެފާއި ޕޮލިހުގެ 6،518 މުވައްޒަފުންނަށް 44.5 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ދީފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި ސިފައިންނާއި ފުލުހުންގެ ތެރެއިން މަސައްކަތްކުރި މީހުންނަށް އެލަންވަންސް އިއްޔެ ޖަމާކޮށްދީފައިވާ ކަމަށެވެ. މިއާއެކު ފުރަންޓްލައިން އެލަވަންސްގެ ގޮތުގައި 78 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން އިއްޔެ ޖަމާކޮށްދީފައި ވަނީ އެމްއެންޑީއެފްގެ 3،334 މުވައްޒަފަކަށް 24 މިލިއަން ރުފިޔާ އާއި ޕޮލިހުގެ 3،184 މުވައްޒަފަކަށް 20.5 މިލިއަން ރުފިޔާ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ދޭން ނިންމާފައިވާ ފްރަންޓްލައިން އެލަވަންސްގެ ގޮތުގައި މިދިޔަ އޮގަސްޓް މަހު ވަނީ 1،045 މީހަކަށް ޖުމްލަ 13.4 މިލިއަން ރުފިޔާ ދީފަ އެވެ. އެ ފައިސާ އަކީ 2020 މާޗް 7 އިން 2020 ޖޫންގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެން ޖެހޭ ފައިސާ އެވެ.

ފްރަންޓްލައިން އެލަވަންސް އެންމެ ފުރަތަމަ ދޫކުރަން ފެށީ މިިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެގޮތުން، އެ ދުވަހު ވަނީ 220 ފަރާތަކަށް ޖުމްލަ 2.9 މިލިއަން ރުފިޔާ ދީފަ އެވެ.

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އެލަވަންސް ދިނުން ލަސްވާ ކަމަށް ބުނެ އިދިކޮޅުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަން ސަމާލުކަމަށް ގެނެސްފަ އެވެ.