މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ފުރިބާރުވެގެން ދިޔައީ ކުޑަކުދިންނާއި އެކުދިންގެ އާއިލާތަކުންނެވެ. ދިވެހި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި މަގްބޫލު ކެރެކްޓާ "ރޮބޯމޭން" ހަރަކާތްތެރިވާ ފިލްމު "ރޮބޯމޭން – ދަ މޫވީ" ބަލާލުމަށް ކުދި ބޮޑު ގިނަ ފަރާތްތަކަކުން ވަނީ އޮލިމްޕަހަށް ގޮސްފަ އެވެ. މާލެ އާއި ބައެއް ރަށްރަށުގައި ކާމިޔާބު ޝޯވްތަކެއް އެޅުވުމަށްފަހު މިހާރު މިއޮތީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދުވަސް އައިސް ޖެހިފަ އެވެ.
މި މަހުގެ 21 ވާ ބުރާސްފަތި ދުވަހު "ރޮބޯމޭން – ދަ މޫވީ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް މިވަނީ ތައްޔާރުވެފަ އެވެ. މިއާއެކު މި ފިލްމު ބަލާލުމަށް ސިނަމާއަށް ނުދެވުނު ފަރާތްތްތަކަށް ގޭގައި ތިބެވެސް މި ފިލްމު ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އާއިލާ އެންމެން އެކީގައި ގޭ ސިޓިން ރޫމްގައި ބަލާލުމަށް މިއީ ވަރަށް ފުރިހަމަ ފިލްމަކަށް ވެގެންދާނެ އެވެ.
"ރޮބޯމޭން – ދަ މޫވީ" މި ފިލްމަކީ ދިވެހިންގެ މެދުގައި މަގްބޫލު ކެރެކްޓާއެއްގެ މައްޗައް އުފައްދާ އެންމެ ފުރިހަމަ މޮޅު ފިލްމުކަން ޔަގީނެވެ. މީޑިއާނެޓްގެ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ މި ފިލްމަކީ އޯރކޭޒް އިންކް އަދި މީޑިއާނެޓުގެ ވީޑިއޯކްލަބްގެ އުފެއްދުމެކެވެ. ޚިޔާލީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ރޮބޯމޭންގެ އިތުރުން އައްޒަ އަދި ރަވީ ފަދަ ފިލްމު އިންޑަސްޓްރީގައި ނަންވިދާލާ ތަރިން އަދި އޮޑިޝަންތަކަކަށްފަހު ފިލްމުގައި އެކްޓުކުރުމުގެ ފުރުސަތު ލިބުނު ހުނަރުވެރި ޗައިލްޑް އާޓިސްޓުން ކަމަށްވާ އަމީލިއާ އަދި މިޝާ ފެނިގެންދާނެ އެވެ.
ވީޑިއޯކްލަބަކީ މީޑިއާނެޓުގެ ވީޑިއޯ އޮން ޑިމާންޑް ސާވިސް އެވެ. މީޑިއާނެޓުގެ އެމްޓީވީ، އެމްއެސް ޓީވީ އަދި އެމްއެސް ލައިޓް ޚިދުމަތް މެދުވެރިކޮށް ޓީވީއިން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ އަދި އެމްއެސް ޑިޖިޓަލް ޚިދުމަތް މެދުވެރިކޮށް މޯބައިލް ޑިވައިސްތަކުން ވީޑިއޯކްލަބުގައި ހިމެނޭ ކޮންޓެންޓް ބެލޭނެ އެވެ.