"ބަންޑާރަނަޔަކަ އެތާނގެ ރީތި ސިޑިބަރިން ތިރިޔަށް ފައިބާވަޑައިގަންނަވަމުން، އޭނާ މަޖިލީހަށް ހޮވާފައިވާ ސަރަހައްދަށް ވަޑައިގެންނެވި ކަމަށް ވިދާޅުވުމުން، އަޅުގަނޑުމެން ވަރަށް ހައިރާންވި އެވެ. އެ ހިސާބުގަނޑުގައި ކުދިން ބޯނެ ކިރު ނުލިބިގެން ރޯ ވާހަކަ ވިދާޅުވި އެވެ." މިއީ ސްރީލަންކާގެ ބޮޑުވަޒީރު ކަމަށް ދެވަނަ ފަހަރަށް އައްޔަންކުރެވުނު ސްރީމާވޯ ބަންޑާރަނަޔަކައިގެ އެޕޮއިންޓްމެންޓަކަށް ވަޑައިގެންހުންނެވި ދިވެހި ސަފީރާ ބައްދަލުކުރެއްވުމަށް ސިޑިން ފައިބާވަޑައިގަންނަވަމުން އެކަމަނާ ވިދާޅުވި މަރުހަބާގެ އިބާރާތެވެ. "އެކަން އެހެން އޮތް އިރުދިވެހި ރާއްޖޭގެ ހިކި ކަނޑުމަސް ސިލޯނަށް ގަންނާނީ ކިހިނެއްހޭ،" އެކަމަނާ ސުވާލު ކުރެއްވި އެވެ.

ބަންޑާރަނަޔަކަޔާ ބައްދަލު ކުރެއްވުމަށް ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ ރެޕްރެޒެންޓޭޓިވް ހުސޭން އަލި ދީދީ ވަޑައިގެންނެވީ ރާއްޖެއިން ލަންކާއަށް ފޮނުވި ހިކި ކަނޑުމަސް އެ ގައުމުގެ ސަރުކާރުން ހުއްދަ ނުލިބުމުގެ ސަބަބުން ބަނދަރުން ނުބޭލި ތާށިވެފައި ހުރި ހުރުމަށް ހައްލެއް ހޯދުމުގެ މަޝްވަރާ އަކަށެވެ. އެ ބައްދަލުވުމަށް ހުސޭން އަލި ދީދީ ވަޑައިގެންނެވީ ކޮޅުނބުގައި ހުންނެވި ރާއްޖޭގެ ވިޔަފާރި ރެޕްރެޒެންޓޭޓިވް އަލީ އުމަރު މަނިކު ގޮވައިގެންނެވެ.

އަލި މަނިކު ވިދާޅުވެފައިވާ ގޮތުގައި ދިވެހި މަހަކީ އަގު ބޮޑު އެއްޗަކަށް ވުމާއެކު އެ ގަނެވޭނީ ހަމަ އެކަނި މުއްސަނދިންނަށް ކަމަށާއި އެއީ ކޮންމެހެން ބޭނުން އެއްޗެއް ނޫން ކަމަށް ބަންޑާރަނަޔަކަ ވިދާޅުވި އެވެ. އެއަށްފަހު އެކަމަނާ ވިދާޅުވީ ސިލޯނުން ދިވެހި ހިކި މަސް ގަންނާނެ ކަމަށް ނުބެލުމަށާއި ކޮންމެ އަހަރަކު ފަނަރަ އިންސައްތަ މަދުކުރާނެ ކަމަށާއި ފަސް އަހަރު ފަހުން އެއްކޮށް ގަތުން ހުއްޓާލާނެ ކަމަށެވެ.

އެއީ 1972 ވަނަ އަހަރެވެ. އޭރު ރާއްޖެއަށް ލިބޭ ބޭރު ފައިސާއަކީ ސިލޯނަށް ވިއްކާ ހިކި މަހުން ލިބޭ އެއްޗެކެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި އެނޫންވެސް ޒަރޫރީ ބާވަތްތައް ގަންނަން ޖެހެނީ އެ ފައިސާއިންނެވެ. އޭރުގެ ހާލަތަށް ބަލާއިރު ރާއްޖެއަށް ބޭރު ފައިސާ ލިބޭނެ އެހެން ގޮތެއް ނެތެވެ. ދިވެހި ކަނޑު މަސް ވިކޭނެ އެހެން ބާޒާރެއް ވެސް ފެންނާކަށް ނެތެވެ.

ސިލޯނުން ރާއްޖެއަށް ޖެއްސި ދަތި ހާލުން އަރައިގަތުމަށް ރާއްޖޭގެ އޭރުގެ ރައީސް އިބްރާހިމް ނާސިރު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން ޖަޕާނުގެ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އައިސް ރާއްޖޭގެ ކަނޑުމަސް ރޮލާ ގަންނަން އެ ކުންފުނިން ނިންމި އެވެ. އެ މަސައްކަތުގައި ރާއްޖެ ތަމްސީލު ކުރައްވަން އިސް ބޭފުޅަކަށް ހުންނެވީ މަރުހޫމް ކޮލި އަލި މަނިކެވެ. އެ މަސައްކަތް ފަށައިގަތުމުގައި ކަންތައް ހަމަޖެއްސުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއްގެ ވާހަކަ ވަރަށް ތަފުސީލުކޮށް އަލި މަނިކު ވަނީ އޭނާގެ "އަޅުގަނޑުގެ ދުވަހު ފޮތު"ގައި ލިޔުއްވާފަ އެވެ.

ރައީސް ނާސިރާއި މިނިސްޓަ އޮފް ފިޝަރީޒް އަދި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި އަބްދުއްސައްތާރު މޫސާ ދީދީ އާއި ސެކެރްޓެރީއެއްގެ ގޮތުން އިލްޔާސް އިބްރާހީމާއެކު ވެވުނު ބައްދަލުވުމެއްގެ ވާހަކަ އަލިމަނިކު ތަފުސީލުކޮށް ދެއްވި އެވެ. އެ ބައްދަލުވުމަކީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދިއުމުގެ ރޭވުންތަކާ ބެހޭ ބައްދަލުވުމެކެވެ. ބައްދަލުވުމުގައި މައިގަނޑު ވާހަކައަކަށްވީ މަސްވެރިންނަށް ފައިސާ ދޫކުރާނެ ގޮތެކެވެ. ކަމަކީ ރާއްޖެއަށް މުޅިން އާ ކަމެކެވެ. އަލި މަނިކު ވިދާޅުވެފައިވާ ގޮތުން އަބްދުއްސައްތާރު މޫސާ ދީދީ ހުށަހެޅުއްވީ މަސްކިރާ ކޮންމެ ބޯޓެއްގައި ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއަކު ބަހައްޓާށެވެ. ކިރާމަހުގެ ބަރުދަން ބެލުމަށްފަހު އޭނާ މަސްވެރިންނަށް ރަސީދެއް ދޭނީ އެވެ. އެ ރަސީދު ހިފައިގެން ކަތީބު ނުވަތަ އަތޮޅުވެރިންގެ ގާތަށް ދިއުމުން ރަސީދުގައި އޮންނަ މިންވަރަށް ފައިސާ ދޫކުރުމަށެވެ.

އަލިމަނިކަށް އެގޮތް ކަމަކު ނުދިޔަ އެވެ. ސަބަބެއް ކަމަށް ލިޔުއްވީ ބޯޓު ފަހަރުގައި މުސާރަ ދިނުމުގައި ދިމާވާ ކަންތައްތަކުގެ ތަޖުރިބާ ހުރުމުން ބައެއްފަހަރު މުސާރަ ނުލިބި އެކަމަކު އެ ޝަކުވާ މުއައްޒަފުން ނުކޮށް ހުރެ، ދިމާވާ މައްސަލަ ތަކުގެ ސަބަބުން މިފަދަ ކަންތައްތަކުގައި ފައިސާއަށް ވެދާނެ ގޮތް އެނގިވަޑައިގަންނަވާތީ އެވެ.

އަލި މަނިކު ބޭނުންފުޅުވެވަޑައިގެންނެވީ މަސްވެރިންނަށް ވަގުތުން ފައިސާ ލިބުމަށެވެ. އެ ހުށަހެޅުއްވުން އަޑު އެއްސެވުމަށްފަހު ނާސިރު ކުރެއްވީ ސުވާލެކެވެ. އެ ސުވާލަކީ "ގަމުގެ ދަގަނޑު ތިޖޫރީގެ ވައްކަމުގެ މައްސަލައާ ބެހޭގޮތުން އެއްޗެއް އެނގިފައިވޭތޯ" އެވެ. އެކަން އެނގިފަ ނުވާކަމަށް ދެންނެވުމުން ވިދާޅުވީ މުސާރައާއި އެހެން ކަންކަމަށް ތިޖޫރީގައި ހުރި ފައިސާ އެ ތިޖޫރީ ފަޅަލައި 300،000 ރުފިޔާ ވަގަށް ނަގާފައިވާ ވާހަކަ އެވެ. ދެން ނާސިރު ސުވާލު ކުރެއްވީ "ކަލޭ، އަލި މަނިކު ތިޔަހުރީ މި މަސައްކަތަށް 500،000 ރުފިޔާގެ ގެއްލުމެއް ވެއްޖެ ނަމަ އެ ޒިންމާ ބޮލުގައި އަޅަން ތައްޔާރަށްހޭ" އެވެ.

ނާސިރުގެ ބޭނުންފުޅަކީ ސަރުކާރުގައި ހުރި މަދު ފައިސާކޮޅުން ގެއްލުމެއް ނުލިބި އެކަން ހަމަޖެހުމުގެ ޔަގީންކަމެވެ. ނާސިރަށް ބޭނުންވާ ގެރެންޓީ އަމިއްލަ ގޮތުން އަލިމަނިކު ދެއްވި އެވެ. އަލިމަނިކު އެދިވަޑައިގެންނެވީ ސަރުކާރުގައި ތިބި އިތުބާރުހިފޭ މީހުންނާ އެކު ކުރިޔަށް ގެންދިއުމަށެވެ. އެފަދަ މީހުން ހަމަޖެއްސުމަށް ނާސިރު ހަވާލުކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ އާ އެވެ.

އަލިމަނިކާއި އަބްދުއްސައްތާރު މޫސާދީދީގެ މަޝްވަރާއާއެކު ނެގި ޓީމަކާ ފައިސާގެ ކަންތައް ބެލެހެއްޓުމާ ހަވާލުކުރެވުނެވެ. ޖަޕާނުގެ މަރުބޭނީ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސް މަސްވެރިން ކިރާ މަހަށް ވަގުތުން ފައިސާ ލިބޭނެ ގޮތަށް ހުރިހާ ކަމެއް ރޭވި ކުރިޔަށް ދިޔަ އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އާ ބާބެއް ފެށުނީ އެވެ.

މަސްވެރިންގެ އަތްމަތި ތަނަވަސްވެ، ރަށްފުށުގެ ދިރިއުޅުމަށް އެކަމުގެ ނަތީޖާ ވަރަށް ފަހި ގޮތަކަށް ދެމިގެން ދިޔަ އެވެ. އޭގެ ފަންސާސް ދެއަހަރު ފަހުން މިއަދު ރާއްޖޭގެ މަސްވެރިންނަށް މިވަނީ މަސްކިރުމަށްފަހު ރަސީދު ހިފައިގެން "ކަތީބު ގާތަށް" ލާރިކޮޅު ހޯދަން ދާން ޖެހިފަ އެވެ. އޭގެ ނަތީޖާ ކިތަންމެހާ ވެސް ގޯހެވެ. އެހެންކަމުން ތާރީޚުން އިބުރަތް ލިބިގަނެ ކާބަފައިންގެ ރަނގަޅު އަމަލު ތަކަށް އަނބުރާ ރުޖޫއަވާން މިއަދު ވަނީ ޖެހިފަ އެވެ.