މެލޭޝިއާގައި ފެންބޮޑުވުމުގެ ސަބަބުން 90،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާކަމަށް އެ ޤައުމުން ބުނެފި އެވެ.
މިއީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ގޯސް ފެންބޮޑުވުމުގެ ކާރިސާ ކަމަށް ވެދާނެކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
މެލޭޝިއާގެ ނެޝަނަލް ޑިޒާސްޓަރ ކޮމާންޑް ސެންޓަރުން ބުނާ ގޮތުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ އިރު، 94،778 މީހުން ވަނީ 9 ސްޓޭޓެއްގައި ގާއިމުކޮށްފައިވާ 527 ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ކެލަންޓަން އާއި އެ ސްޓޭޓާ އިންވެގެންވާ ޓެރެންގަނޫ އަށެވެ.
މި ހާދިސާއާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ހުކުރު ދުވަހު ކެބިނެޓް މެންބަރުންނަށް ޗުއްޓީއަށް ދިއުން މަނާކޮށްފަ އެވެ. މިއީ މި ހަފްތާގައި 90،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވާ ވަގުތެއްގައި އެޅުއްވި ފިޔަވަޅެކެވެ.
މެލޭޝިއާގެ ޕެނިންސުލާގެ އިރުމަތީ ސަރަހައްދުގައި އޮކްޓޯބަރު މަހުން ފެށިގެން މާޗް މަހާ ހަމައަށް މޫސުން ގޯސްވެ މި މުއްދަތުގައި ފެންބޮޑުވުމަކީ އާންމު ކަމެއް ނަމަވެސް، މި ފަހަރު ވެހުނު ބޯވާރޭގެ ސަބަބުން އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ގެދޮރު ދޫކޮށް ދާންޖެހިފައިވެ އެވެ.
މޫސުމާބެހޭ ޑިޕާޓްމަންޓުން ބުނާ ގޮތުގައި ހޮނިހިރު ދުވަހާ ހަމައަށް 8 ސްޓޭޓެއްގައި ބޯކޮށް ވާރޭވެހޭނެކަމަށް އިންޒާރު ދީފައިވާ އިރު، ކެލަންޓަން އާއި ޓެރެންގަނޫގެ ގިނަ ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަށް ވާރޭވެހުމުގެ އިންޒާރު ދީފައިވެ އެވެ.
ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީގެ ޗެއާމަން އަހްމަދު ޒާހިދު ހަމީދީ ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ މި ފެންބޮޑުވުން 2014 ވަނަ އަހަރަށްވުރެ ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަހަރު ގާތްގަނޑަކަށް ރައްޔިތުންގެ ހަތަރުބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފަ އެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯތަކުގައި ފެންނަނީ ކޯރުތައް ފުރި ބަންޑުން ދިއުމާއި، ކާރުތައް ފެނުގެ އަޑީގައި ހުރި އިރު ގެތައް ވެސް ފެނުގެ ތެރޭގައި ހުރި މަންޒަރެވެ.
މި ފެންބޮޑުވުމުގެ ކާރިސާއަކީ މެލޭޝިއާގެ އިރުމަތީ ސަރަހައްދުގައި އަހަރުން އަހަރަށް ތަކުރާރުވަމުންދާ މައްސަލައެކެވެ. ނަމަވެސް މި އަހަރުގެ ފެންބޮޑުވުން މާ ބޮޑަށް ގޯސްވެފައިވާކަން ފާހަގަކުރެވެ އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން މިފަދަ ކާރިސާތައް އިތުރުވަމުން އަންނަކަން ތަޖުރިބާކާރުން ފާހަގަކުރެ އެވެ.