މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހައިކޯޓު ރިސެސް އަށް ދާން ނިންމައިފި އެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 1 އިން 31 އަށް ރިސެސްއަށް ދިޔަ ނަމަވެސް ބައެއް މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މި މުއްދަތުގައި ބަލާނީ B12 ސެކްޝަނުން ބަލާ މައްސަލަތަކާއި، މޮނިކޮން އަމުރުތަކާއި، އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އަމުރުތަކާއި އިއުތިރާޒާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ކަމަށް އެ ކޯޓުން ބުނެ އެވެ.

ޝަރީއަތްތަކުގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއައްތައްވެސް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.

ކޯޓުތަކުގެ ގާނޫނުގައި ބުނާ ގޮތުން ކޯޓުތައް ރިސެސްއަށް ދިޔަ ނަމަވެސް އިދާރީ މަސައްކަތްތަކާއި މައްސަލަ ބަލައިގަތުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ އެވެ.