ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ސިޔާސީ މަސްރަހު ފުންކޮށް ދިރާސާ ކުރެއްވުމަށްފަހު ކަމަށެވެ. އަދި މި ނިންމެވުން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރެއްވުމަށްފަހު އެ މަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށް ވެސް ފައިސަލް ފާހަގަކުރެއްވި އެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެކަން މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އިއުލާން ކުރައްވާފަ އެވެ. އާޒިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ދަތި ހާލަތުން އަރުވައިގަނެ، ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމަށް އެމްޑީޕީގެ ވަރުގަދަ ޓީމަކާއެކު ކުރިއަށް ދާން ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި، ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް މީގެ ކުރިން ވަނީ އިއުލާން ކުރައްވާފަ އެވެ.