ކްރޫޒް ލައިނާތަކުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ވެސް މިހާރު ޓީޖީއެސްޓީ ނަގާތީ ކްރޫޒް ލައިނާގައި ރާއްޖެ އައުމުގެ އަގު ބޮޑުވެ، ކްރޫޒްތައް ރާއްޖެ އައުން ހުއްޓާލުމުން، ޓޫރިޒަމް މިނިސްޓްރީން އެ ގަވައިދު ބަދަލުކުރުމުން ރާއްޖެއަށް އަލުން ކްރޫޒް ޝިޕް އަންނަން ފަށައިފި އެވެ.

މިދިޔަ ސަރުކާރުގެ ތެރޭ ކްރޫޒް ލައިނާ ގަވައިދަށް ގެނައި ބަދަލާ އެކު ކްރޫޒްތަކުން އަންނަ ޓޫރިސްޓުން ވެސް ރާއްޖޭގެ ސަރަހައްދަށް ވަންނަ ދުވަހުން ފެށިގެން ޓީޖީއެސްޓީ ދައްކަން ވަނީ ލާޒިމްކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ކްރޫޒް ލައިނާތަކުން ރާއްޖެ ހިމަނާ ޓޫރިސްޓުންނަށް ޕެކޭޖް ވިއްކާ ނަމަ ވިއްކާ ޖުމްލަ އަގުގެ %16 ރާއްޖެއަށް ޖީއެސްޓީގެ ގޮތުގައި އެޖެންޓުން މެދުވެރިކޮށް ދައްކަން ޖެހެ އެވެ.

އެ ގަވައިދު ބަދަލުކުމުން ރާއްޖެއަށް ފުރަތަމަ އައީ އިޓަލީއަށް ނިސްބަތްވާ ކްރޫޒް ޝިޕެއް ކަމަށްވާ އޭއައިޑީއޭ އެވެ. ސްވިޒަލޭންޑާއި އޮސްޓްރިއާ އަދި ޖަރުމަނު ވިލާތުގެ ޓޫރިސްޓުންނަށް ހާއްސަކޮށްގެން އޮޕަރޭޓްކުރާ މި ކްރޫޒް ޝިޕް އޮމާންގެ މަސްކަޓުން ފުރައިގެން ރާއްޖެ އައިސްފައި ވަނީ އިއްޔެ، 2،139 ޓޫރިސްޓުން ގޮވައިގެން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. މިއީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އެދުމުގެ މަތިން ރެގިއުލޭޓަރީ ބަދަލުތައް ގެނައުމަށް ފަހު ރާއްޖެއަށް އައި ފުރަތަމަ ކްރޫޒް ޝިޕް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ އޭއައިޑީއޭގެ މި ޒިޔާރަތާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭއައިޑީއޭގައި ރާއްޖެއަށް އައި ޓޫރިސްޓުންނާއެކު މާލެ އާއި ހުޅުމާލޭގެ ސަރަޙައްދުގައި ހިންގާ ރެސްޓޯރެންޓްތަކާއި ސުވެނިއާ ފިހާރަތަކާއި ދޯނިތަކާއި ގެސްޓް ހައުސްތަކާއި ރީޓެއިލް އައުޓްލެޓްތައް ފަދަ ވިޔަފާރިތަކަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންގޮސް، މި ސަރަޙައްދުގެ އެންމެ މަތީ ސަފުގައި ހިމަނާލެވޭ ކްރޫޒް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބެލެވޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

"ރާއްޖެއަށް މި ކްރޫޒް ލައިނާ އައުން މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކާމިޔާބީއެއް. މިއާއެކު ރާއްޖޭގެ އިޤްތިޞާދު ހަރުދަނާވުމުގެ އިތުރުން، ބޭރުގެ ރިޒާވް އިތުރުވެ، ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ވެސް މަގުފަހިވެގެންދާނެ،" އެ ކުންފުނިން ބުންޏެވެ.

އެމްއެމްޕީއާރުސީން ބުނީ ކުރު ނަމަވެސް މުހިންމު ދަތުރު ނިންމާލާ އޭއައިޑީއޭ ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު މަހުގެ މިއަދު ހަވީރު 6:00 ގައި ކަމަށެވެ.

އެމްއެމްޕީއާރުސީން ބުނީ އެކިއެކި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ދުވަހުން ދުވަހަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކަމަށެވެ.

"އޭއައިޑީއޭ ރާއްޖެއައުމާއެކު ލިބުނު މި ކާމިޔާބީގެ އިތުރުން ރާއްޖެއިން މިފަހުން ވަނީ ޑަބްލިއުޓީއޭގެ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ މަގާމު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ މަގާމު ވެސް ކާމިޔާބުކޮށްފައި. ކްރޫޒް ޓުއަރިޒަމްގެ މި އައު ބާބުން މުސްތަގުބަލުގައި ރާއްޖެއަށް އިތުރު ފަތުރުވެރިން ޒިޔާރަތްކުރުމުގެ މަގު ފަހިކޮށްދީ، މި ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ގިނަގުނަ ހެޔޮ އަސަރުތަކެއް ކުރާނެކަމުގެ އެއްވެސް ޝައްކެއްނެެތް،" އެ ކުންފުނިން ބުންޏެވެ.