ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-0 އިން އަމިއްލަ ދަނޑުގައި މޮޅުވެ، 3-0ގެ އެގްރިގޭޓް ނަތީޖާއަކާއެކު، ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިއީ ހަތް އަހަރުގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
މެޗުގެ 34 ވަނަ މިނިޓުގައި ޗެލްސީ އަށް ލީޑު ހޯދައިދިނީ ހަކީމް ޒިޔެޗެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެމަސަން ޕަލްމިއޭރީ ވަނީ ލަނޑެއް ޖަހައި ޗެލްސީ އަށް ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްދީފަ އެވެ.
މެޗުގެ 81 ވަނަ މިނިޓުގައި އެތުލެޓިކޯގެ ސްޓެފަން ސަވިޗަށް ރަތް ކާޑު ދެއްކުމުން، އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިއީ އެ ޓީމަށް ހައްގު މޮޅެއް ކަމަށެވެ.
"މިއީ އަހަރެމެންނަށް ހައްގު މޮޅެއްކަން އިހުސާސްކުރެވޭ. އެއީ އެންމެ މުހިންމު ކަމަކީ،" ޓުޗެލް ބުންޏެވެ. "ދެން އޮތީ ކުއާޓާ ފައިނަލް. މިއީ ޓީމަށް ލިބުނު ކުރިއެރުމެއް."
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ އެތުލެޓިކޯ އަށްވުރެ މޮޅަށް ކުޅުނީ ޗެލްސީ ކަމަށާއި އެތުލެޓިކޯ އިން ދެން ވިސްނަންޖެހޭނީ ސްޕެއިން ލީގަށް ކަމަށެވެ.
"ދެ ލެގަށް ބަލާއިރު މިއީ ޗެލްސީ އަށް ހައްގު ނަތީޖާއެއް. އިދިކޮޅަށް ނިކުތް ޓީމު (ޗެލްސީ) މާ ވަރުގަދަ. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ ޗެލްސީ އަށް މަރުހަބާ ކިޔައި، މި ނަތީޖާ ހަނދާން ނައްތާޅުމަށް ފަހު ލީގަށް ވިސްނުން." ސިމިއޯނީ ބުންޏެވެ. – ބީބީސީ