ރާއްޖެ ކައިރީގައި ދެ ކޮޅިގަނޑު އުފެދިފައިވާތީ ބުދަ ދުވަހުން ފެށިގެން 5 ދުވަހަށް ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނޭ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ވެސް ކޮށްފަ އެވެ.
މޫސުން ގޯސްވުމާ ގުޅުވައި އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން، ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރި ފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް ވެސް މޫސުމާބެހޭއިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މޫސުމާބެހޭ އިދާރާއިން ބުނީ އެ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދުގެ އާންމު ވައި ބާރުވާނެ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން، މި މުއްދަތުގައި ދެކުނާއި މެދުރާއްޖެ ތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.
ވައިގަދުވުމުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ބަލެވޭއިރު ދެކުނާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ. އަދި މި ދުވަސްވަރު ގަދަވަޔާއި ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެ އެވެ.
މީގެ އިތުރުން މި މުއްދަތުގައި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރުކުރާނެ ކަމަށް އެކަށީގެންވާ ކަމަށާއި މޫސުން ގޯސްވާނެތީ ހުރިހާ ފަރާތްތަކުން ވެސް، އްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ ލަފާދީފަ އެވެ.