ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ފަށައިފި އެވެ.

މި މައްސަލަ އޭސީސީން ތަހުގީގު ކުރަން ފަށާފައިވާކަން އެ ކޮމިޝަނުގެ އޮފިސަލަކު ވަނީ "ހުރިހާ ނިއުސް" އަށް ކަށަވަރުކޮށްދީފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައިގައި ތަހުގީގު ފުލުހުންވެސް ދަނީ ހިންގަމުންނެވެ. ފުލުހުން ބަލަމުން ގެންދަނީ ލިޔެކިޔުންތައް ފޯޖް ކުރިކަމަށް ބުނާ މަސައްލަ އެކެވެ.

އެގޮތުން ޑޮކިއުމަންޓްތަކެއް ފޯޖް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަމުންދާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ދައްކައިގެން އެ ގޯތިތަކުގައި އިމާރާތްކުރުމަށް ބޭނުންވެ އެކަމުގެ ހުއްދައަށް އެދުނު މައްސަލައެއް ފަޅާއަރާފައިވާއިރު ފޯޖުކޮށްފައިވާ ލިޔުންތަކެއް ބޭނުންކޮށްގެން ގޯތި ހޯދަން އުޅުނު މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.

މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ތަހުގީގު ނިމި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަކި ގޮތެއް އަންގަންދެން އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުވެސް ޕީސީބީ އިން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

މީގެ އިތުރުން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ފަޒީލް ރަޝީދުވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.