ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ނުރަނގަޅު ގޮތަކަށް އެބަ ކުރޭ ހެއްޔެވެ؟ ނުވަތަ ގަވާއިދާ ޚިލާފު އެއްވެސް ކަމެއް އެބަ ހިންގާ ހެއްޔެވެ؟ އެކަން އެގޮތަށް ހިނގާނަމަ އެކަމެއް އެ ހިނގަނީ ރައީސް މުހައްމަދު މުއިއްޒަށް އެނގިވަޑައިގެނެއް ނޫނެވެ. އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ހިސާބުން ފިޔަވަޅު އަޅުއްވާނެ އެވެ.
"އަޅުގަނޑު ވެސް ތިވާހަކަ އަޑު އެހިން، އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތި ވިދާޅުވާ ސިޓީއެއް އައިސްފައެއް ނެތް، ލިބުނު ނަމަ އަޅުގަނޑު އެއަށް އަމަލު ކުރާނަން،" މިއީ ރައީސްގެ ވާހަކަފުޅެވެ.
އެއީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގެ އެންމެ ހިމަ ނާރާ ކުޅެލާ ބޯ ހިޔާވަހިކަމުގެ މަޝްރޫއު ހިންގާ އެޗްޑީސީ އިން ހިންގި ބޮޑު ވައްކަމުގެ ތުހުމަތާ ގުޅިގެން އެކަމާ ބެހޭ މައުލޫމާތު ރައީސަށް އޮޅުން ފިލުވައިދެއްވުމަށް ކަމާ ބެހޭ ބޭފުޅަކު ފޮނުވި ކަމަށް އަޑު އަރާފައިވާ ސިޓީއަކާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅެވެ. ރައީސަށް އެބުނާ ސިޓީއެއްގެ ވާހަކަ އެނގިވަޑައިނުގެންނެވީ އެވެ. އަދި ހަމަ އެފަދައިން އެސިޓީއާ ބެހޭ ގޮތުން އެ ދައްކަވާ ވާހަކަފުޅާ ދިމާކޮށް އެއަށް ވުރެ ބޮޑެތި ހެކިތައް ދައްކާނެކަން ވެސް ރައީސަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެމަނިކުފާނަށް އެނގިވަޑައިގެން އެފަދަ ބޮޑެތި ވައްކަން ކުރަން ދޫކޮށެއް ނުލައްވާނެ އެވެ. އެއީ އެމަނިކުފާނު ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފުވުމެވެ.
އެޗްޑީސީގެ ޚިޔާނަތުގެ ވާހަކަ އެންމެ ފުރަތަމަ ދައްކަން ފެށީ ރައީސް މުއިއްޒުގެ ވަރަށް އަރިސް ފަރާތްތަކެކެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދުގެ ޚިޔާނަތާއި ނުގަވައިދުން ވިއްކާފައި ހުރި ބިންބިމާއި ފްލެޓުތަކުގެ ވާހަކަ ވަރަށް ގަދަޔަށް ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެވާހަކަ އަޑު ނާހާ ނުވަތަ އެކަން ހިނގާކަން ނޭނގޭ މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެ އެވެ. އެހެންނަމަވެސް ސަރުކާރުން ނުވަތަ ރައީސް މުއިއްޒު އެކަމަށް ފިޔަވަޅެއް ނާޅުއްވަ އެވެ. އެންމެ ފަހުން ފުރިހަމަ ތަފުސީލާ އެކު ސޯޝަލް މީޑިއާގައި އެވާހަކަ ހާމަކުރުމުގެ ނަތީޖާއެއްގެ ގޮތުން އެޗްޑީސީ ދޮށަށް އާންމުން އެއްވުމާ ހަމަޔަށް ވެސް ރައީސަކަށް އެކަން އެނގިވަޑައިގެންފައެއް ނުވެ އެވެ.
އެޗްޑީސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލަ ފެންމަތިވުމުގެ ކުރިން ރައީސްގެ ތަރުޖަމާނު، ހީނާ ވަލީދު ވެރިޔަކަށް ހުންނަވާ އެންސްޕާއިން ހިންގި ކަމަށް އަޑު ފެތުރުނީ ވެސް ކުޑަ ވައްކަމެއް ނޫނެވެ. އެކަމުގައި ޝާމިލް ވަނީ އެމްއެމް ޓީވީގެ ނަމުގައި ރައީސް މުއިއްޒުގެ ޕްރޮމޯޝަނަށް އުފެއްދި ޓިވީ ޗެނަލް ހިންގާ ކުންފުނި ކަމުގައިވާ މޯލްޑިވްސް މީޑިއާ ހައުސް ހިންގަން ބޭނުންވާ ފައިނޭންސް އެންސްޕާ މެދުވެރިކޮށް ހޯދުމަށް ފާޅުކަން ބޮޑު ގޮތެއްގައި ހިންގި ޚިޔާނާތެކެވެ. އެ ޚިޔާނާތުގެ ވާހަކައިގެ އަޑުގަދަވެ ހިފަހައްޓާ ލެވޭވަރު ނުވުމުން ހަދާފައި ހުރި ބައެއް އެގްރިމެންޓުތައް ބާތިލުކުރި އިރު ވެސް ރައީސަކަށް އެކަން އެނގި ވަޑައެއް ނުގަންނަވަ އެވެ. އެނގިވަޑައިގެންނެވި ނަމަ ފިޔަވަޅު އެޅުއްވީހެވެ.
ފަހަކަށް އައިސް ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެފައި އޮންނަނީ އެއް ދައުރުން މުއްސަނދިވުމަށް ފަހިވާ މަގަކަށެވެ. ފަސްއަހަރުގެ ދައުރެއް ނިމޭއިރު އެމީހެއްގެ މުޅި އުމުރަށް މުއްސަންޖެއްގެ ގޮތުގައި އުޅުމަށް ބޭނުންވާ ހުރިހާ މަގެއް ކޮށާލަ އެވެ. ތަފާތު ވިޔަފާރިއާ އެކި ކަހަލަ ކަމިޝަންތަކާ ހެޔޮއެދޭ ފަރާތްތަކުގެ ހަދިޔާއިންނެވެ. ރައީސް މުއިއްޒަކީ ވެސް އެމަނިކުފާނުގެ ވަޒީރުކަމުގެ ހަތް އަހަރު ނިމުނުއިރު ބޮޑު މަހުޖަނަކަށް ވެފައި ހުންނެވި ބޭފުޅެކެވެ.
އެމަނިކުފާނު ވިދާޅުވާ ގޮތުންނަމަ ވާރުތަ މުދަލުން އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ހަމަ އެކަނި އައިޖީއެމްއެޗް ކާރީގައި ހުރި ގެއެކެވެ. ބައްޕަގެ އެކައުންޓުގައި ހުރި ފައިސާ އެއްކޮށް ދެއްވީ ދޮން މަންމައަށެވެ. އެހެންކަމުން ވާރުތައިން ލިބިވަޑައިގެންނެވި ބިމުގައި ލަގްޒަރީ ޓަވަރެއް ހެދިކަން އެމަނިކުފާނަށް އެނގިވަޑައިނުގަތަސް ކުރިން މިބުނި ސިޔާސީ މަގާމުން މުއްސަނދި ވުމަށް އެލިބޭ ފުރުސަތުތަކުގެ ތެރެއިންނެވެ. އެމަނިކުފާނު ހުޅުމާލެއިން ރޯ ހައުސްއެއް ބައްލަވައިގަންނަވަން ބޭނުންފުޅުވުމުން އެކަމަށް ބޭނުންވާ ޑައުންޕޭމެންޓް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް ދެއްވީ ވެސް ހަމަ އެފަދައިންނެވެ.
ހަތް އަހަރުގެ ވަޒީރުކަމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެވެ. ދައުލަތަށް ގެއްލުންވާ ގޮތަށް ކުންފުންޏަކަށް މާލީ ނަފާ ލިބޭ ފަދަ ލިއުމެއް އެމަނިކުފާނު ދެއްވި މައްސަލައިގަ އެވެ. އެ ކޮމިޓީން ސުވާލު ކުރެއްވި އެވެ. އެ ލިއުން ދިނީ ކާކަށް ހެއްޔެވެ. ޑރ. މުއިއްޒަކަށް ކާކުކަމެއް ނޭނގުނެވެ. އޭގައި ލިޔުނީ ކޮން ވާހަކައެއް ހޭ ސުވާލު ކުރުމުން ވެސް އެވާހަކައެއް ވެސް ނޭނގޭ ކަމުގައި ވިދާޅުވި އެވެ. އެއިން އެއްވެސް ކަމެއް އެމަނިކުފާނަށް އެނގިވަޑައިއެއް ނުގެންނެވި އެވެ.
ރައީސަށް އެހާ ވަރަށް ކަންތައް އެނގިވަޑައިނުގަންނަވާއިރު، މިއަދު އުފެދޭ ސުވާލަކީ އެމަނިކުފާނަށް ރައީސްކަން ކުރައްވަން އެނގިވަޑައިގަންނަވާތޯ އެވެ. ނޫނެކެވެ އެމަނިކުފާނަށް ހަމަ އެނގިވަޑައިނުގަންނަވަނީ އެވެ.