ނޫސްތަކުގައި ލިޔެފައި ހުންނަ ލިޔުންތަކަށް ކޮމެންޓް ކުރުމަކީ އާންމު ގޮތެއްގައި މީހުން ކޮށް އުޅޭ ކަމެކެވެ. ޚާއްސަކޮށް ސޯޝަލް މީޑިއާގައި އެ ލިޔުން ހިއްސާ ކޮށްލުމުން ކޮމެންޓް ކުރާ މީހުންގެ އަދަދު ގިނަވެ އެވެ. މިފަދަ ކޮމެންޓުތަކަށް ބަލާއިރު ބައެއް ފަހަރު އެ ކޮމެންޓުތަކާ ލިޔުމުގައި އޮންނަ އެއްޗަކާ މާބޮޑު ގުޅުމެއް ނެތި ދާތަން އެބަފެނެ އެވެ. އެފަދަ ކޮމެންޓްތަކަށް ބަލައިލާއިރު ފާހަގަ ކޮށްލެވޭ ކަމަކީ ސުރުޚީއަށް އެކަނި ބަލައިފައި ކޮމެންޓް ކުރާކަމެވެ. އެފަދަ ކޮމެންޓުތަކުގެ ސަބަބުން ކޮމެންޓު ކުރި މީހާއާމެދު ކިޔުންތެރިން ދެކޭގޮތް ބަދަލުވެ އެވެ. އޭގެ އިތުރުން ވެސް ތަފާތު ނޭދެވޭ ކަންތައް އެ ކޮމެންޓުގެ ސަބަބުން އުފަންވެ އެވެ.

ލިޔުން ނުކިޔާ ކޮމެންޓު ކުރަނީ ކީއްވެ؟

ފެންނަ ކޮންމެ ލިޔުމެއް ކިޔައި އެކަމުން ހިތަށް ތަސައްލީ ހޯދި ޒަމާން ހިނގައްޖެ އެވެ. މިއަދަކީ ތަފާތު އެތައް ވަސީލަތަކުން މައުލޫމާތު ލިބެން ހުންނަ ޒަމާނެވެ. އެފަދަ މައުލޫމާތު މަތި މައްޗަށް ލިބެމުން ދިއުމުގެ ސަބަބުން ލިޔުންތައް ފުރިހަމައަށް ކިޔައި އޭގައި އޮތް އެއްޗެއްގެ ތަފުސީލަށް ދާން މީހުން ބޭނުމެއް ނުވެ އެވެ. އެކި ވަސީލަތްތަކުން ލިބެން ހުންނަ މައުލޫމާތުގެ އަލީގައި ލިޔުމުގެ ސުރުޚީ ބަލައިލުމުން އޭގައި އޮންނާނެ އެއްޗެއް އަމިއްލައަށް އަންދާޒާކޮށްލެވޭ ކަމަށް ހީވާ ހީވުމަކީ ވެސް ލިޔުން ކިއުމުން ދުރުވާ ސަބަބެކެވެ. ހަމަ އެފަދައިން ސޯޝަލް މީޑިއާގެ ނުފޫޒުގެ ސަބަބުން އޮހެމުން ދާ މައުލޫމާތުތަކުގެ އަލީގައި ވެސް ފެންނަ ސުރުޚީއަކީ ތިމާއަށް ރަނގަޅަށް އެނގޭ މައުލޫމާތުތަކެއްގެ މައްޗަށް ލިޔެފައިވާ ލިއުމެއްކަމުގައި ގަބޫލު ކުރެވެ އެވެ. ނަތީޖާއެއްގެ ގޮތުން މަޒުމޫނު ނުވަތަ ލިޔުން، އެއްކޮށް ކިޔައި ނުލައި ކޮމެންޓް ކުރެވޭގޮތް ދިމާވެ އެވެ. މިއިން ކޮންމެ ފަދަ ހާލަތެއް މެދުވެރިވެގެން ނަމަވެސް ލިޔުމެއްގެ ސުރުޚީއަށް އެކަނި ބެލުމަށްފަހު ކޮމެންޓު ކުރުމަކީ އޭގެ ނަތީޖާ ވަރަށް ގޯސްކޮށް ނިކުމެދާނެ ކަމެކެވެ.

ލިޔުން ނުކިޔާ ކޮމެންޓް ކުރުމުން ނިކުންނާނެ ނަތީޖާ

ކިތަންމެ ބުރަކޮށް އުޅެން ޖެހުނުކަމުގައި ވިޔަސް ނުވަތަ ސުރުޚީ ބަލައިފައި އެލިޔުމުގައި ހުންނާނެ ވާހަކަ އެނގޭ ކަމަށް ހީވި ވިޔަސް ލިޔުން ނުކިޔައި ކޮމެންޓްކުރުމުން ތަފާތު ނަތީޖާތަކެއް ނިކުމެ އެވެ. ލިޔުމާއި ނުގުޅޭ ކޮމެންޓެއް ނުވަތަ ލިޔުމުގައި ދައްކާފައި ހުންނަ ވާހަކައަކާ ފުށުއަރާ ގޮތަށް ކޮމެންޓު ކުރެވުމަކީ ލިޔުން ނުކިޔާ ކޮމެންޓް ކުރުމުން އާންމުކޮށް ދިމާވާ ކަމެކެވެ. އެހެން އެވަނީ ސުރުޚީއަކީ މުޅި ލިއުމުގައި ހުންނަ ވާހަކަ ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ވިޔަސް ސުރުޚީ ލިޔެފައި އޮންނަ ގޮތުން ލިޔުމުގައި ހުންނަ ހުރިހާ އެއްޗެއް އެއިން ދޭހަކޮށް ނުދޭނެތީ އެވެ. އެހެން ކަމުން ސުރުޚީ ކިޔާފައި ކުރާ ކޮމެންޓުން މައިގަނޑު ގޮތެއްގައި އުފެދެނީ ދެ މައްސަލައެކެވެ. އެއްކަމަކީ ނުބައި މައުލޫމާތު ފެތުރުމުގެ ވަސީލަތަކަށް އެ ކޮމެންޓުވުމެވެ. ސުރުޚީ ކިޔާފައި ކޮމެންޓު ކުރާ މީހުން އުޅޭ ފަދައިން ލިއުމަށް ނުބަލައި ކޮމެންޓަށް ކޮމެންޓު ކުރާ މީހުން ވެސް އުޅެ އެވެ. އެހެން ކަމުން ނުބައި މައުލޫމާތެއްގެ މައްޗަށް ކުރެވޭ ކޮމެންޓެއްގެ ސަބަބުން މުޖުތަމައަށް ނުބައި މައުލޫމާތު ފެތުރުމުގެ މަގު ފަހިވެ އެވެ. ދެވަނަކަމަކަށް އޮތީ ކޮމެންޓްކުރާ މީހާގެ ތަސައްވުރު ނުބައިވުމެވެ. މުޅި ލިޔުން ކިޔުމަށްފަހު އެކޮމެންޓް ކިޔާ މީހާގެ ކުރިމަތީގައި ލިއުން ނުކިޔައި ކޮމެންޓް ކުރި މީހާގެ އަގު ދަށްވުމަކީ ތަބީއީ ކަމެކެވެ.

ސުރުޚީއެއް ފެނުމުން އެއާ މެދު ވިސްނާލަން ބޭނުންނަމަ ވަގުތު ހޯދައިގެން އެ ލިޔުމެއް ކިޔާލާށެވެ. އޭގެ ފަހުގައި ބިނާކުރަނިވި ފާޑު ކިޔާށެވެ. އެކަމަށް ވަގުތު ނެތް ނަމަ ނުވަތަ ޝައުގުވެރިކަން ނެތް ނަމަ އަޅާނުލައި ދޫކޮށްލާށެވެ. ހަމަ އެކަނި ސުރުޚީ ކިޔާފައި ކޮމެންޓް ކުރުން ހުއްޓާލާށެވެ. އޭރުން ތިމާގެ ތަސައްވުރު އެހެން މީހުންގެ ކުރިމަތީގައި ރަނގަޅުވާނެ އެވެ. ނުބައި މައުލޫމާތު ފެތުރުމަށް އިތުރު ދޮރެއް ހުޅުވުވުމުގެ ފުރުސަތު ވެސް ހަނިވާނެ އެވެ.