ދެކުނު ކޮރެއާގެ މުއާން އިންޓަނޭޝަނަލް އެއަރޕޯޓުގައި މަތިންދާބޯޓެއް ރަންވޭއިން ނައްޓާލިވަގުތު އެއާޕޯޓްގެ ފެންސެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މަދުވެގެން 28 މީހުން މަރުވެއްޖެ އެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުން ކޮރެއާއަށް ދަތުރުކުރި އައި ޖެޖޫ އެއާގެ ފްލައިޓުން 175 ފަސިންޖަރުންނާއި 6 ކުރޫއިން ދަތުރުކުރިކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފްލައިޓުން ދަތުރުކުރި ދެ މީހަކު ދިރިހުރިކަން ފެނިފައިވާ ކަމަށާއި މިހާރު ވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއާންގެ އަލިފާން ނިއްވާ އޮފިޝަލަކު ބުނެފައިވެ އެވެ.
މަތިންދާބޯޓުގެ ފަހަތު ބައިގައި ތިބި މީހުން ސަލާމަތްކުރުމަށް އިދާރާތަކުން މަސައްކަތްކުރަމުންދާ ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ރޮއިޓާސްއަށް ބުނެފައިވެ އެވެ.
ލޯކަލް މީޑިއާއިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ދައްކާގޮތުން، މަތިންދާބޯޓު ލޭންޑިން ގިއަރު މައްސަލަޖެހި ރަންވޭގައި ދުއްވަމުން ގޮސް އަލިފާނާއި ދުންތަކެއްގެ ތެރެއިން ފެންސެއްގައި ޖެހިފައިވެ އެވެ.
ޔޮންހަޕް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޯޓު ވެއްޓުނީ އެ ގައުމުގެ ހުޅަނގު ދެކުނުގައި އޮންނަ އެއާޕޯޓަށް މަތިންދާބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ދޫނި ބައިގަނޑެއްގައި ޖެހި ލޭންޑިން ގިޔަރުގައި މައްސަލަ ޖެހިގެން ކަމަށް ބެލެވެ އެވެ.
އެވިއޭޝަން ޓްރެކިން ސައިޓް ފްލައިޓްރާޑާ24 އިން ބުނެފައިވާ ގޮތުގައި މި މަތިންދާބޯޓަކީ ބޯއިންގް މަތިންދާބޯޓެކެވެ. ބޯއިންގް އިން މިކަމާ ގުޅޭގޮތުން މިހާތަނަށް އެއްޗެއް ބުނެފައިނުވެ އެވެ.