ލޭގަނޑުވުމުގެ މައްސަލަ ދިމާވެގެން އެސްޓްރާޒެނެކާ ވެކްސިން ދިނުން މެދުކަނޑާލައި އޮތުމަށްފަހު، ޔޫރަޕުގެ އެތައް ގައުމަކުން އަލުން ދޭން ފަށަން ނިންމައިފި އެވެ.
މި ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ފްރާންސް ވެސް ހިމެނެ އެވެ.
ބުރާސްފަތި ދުވަހު މިކަން އިއުލާނު ކޮށްފައިވަނީ އީޔޫ އިން އަދި ބްރިޓިޝް ރެގިއުލޭޓަރުން މިވެކްސިނަށް ދެއްވި އިތުބާރާއި ގުޅިގެންނެވެ. މިވެކްސިނުން ލިބިދާނެ ގެއްލުމަކަށް ވުރެ ލިބޭ ފައިދާ މާބޮޑު ކަމަށް ވެސް އީޔޫ އިން ބުނެފައިވެ އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުގައި ރިޕޯޓުކުރި ލޭގަނޑުވުމުގެ ކޭސްތަކަކާ ގުޅިގެން ބައެއް ގައުމުތަކުގައި ވަނީ އެސްޓްރާޒެނެކާ ވެކްސިން ދިނުން މަޑުޖައްސާލާފަ އެވެ.
ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ކުރި ތަހުގީގުތަކަށް ފަހު ބުނިގޮތުގައި ލޭގަނޑުވުމާއި ވެކްސިނާއި ގުޅުމެއް އޮތްކަން ނުވަތަ ނެތްކަން ވެސް އަދި ކަނޑަ ނޭޅެ އެވެ. ނަމަވެސް މި ވެކްސިނުން އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން ވެކްސިނުން ލިބޭ ފައިދާ ވެކްސިނުން ލިބިދާނެ ގެއްލުމަކަށް ވުރެ ބޮޑުކަން ފާހަގަކޮށްފައިވެ އެވެ.
"މި ވެކްސިނަކީ ރައްކާތެރި އަދި އަސަރުކުރާ ވެކްސިނެއް،" ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ޑިރެކްޓަރު އެމާ ކުކް ވިދާޅުވެފައިވެ އެވެ.
ޖަރުމަނުން ބުނިގޮތުގައި ހުކުރު ދުވަހު އެ ގައުމުން ވެކްސިން ޖަހަން އަލުން ފަށާނެ އެވެ. ފްރާންސް އިން ވެސް ބުނިގޮތުގައި އެ ގައުމުން ވެސް ވީހާވެސް އަވަހަކަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެ އެވެ.
ފްރާންސްގެ ބޮޑު ވަޒީރު ވަނީ ހުކުރު ދުވަހުގެ މެންދުރު ވެކްސިން ޖަހާފަ އެވެ.
އިޓަލީގެ ބޮޑު ވަޒީރު ވިދާޅުވާގޮތުގައި އެ ގައުމުގައި ވެސް ވީހާވެސް ގިނަ ބަޔަކަށް ވީ އެންމެ އަވަހަކަށް ވެކްސިން ދޭން ފަށާނެ އެވެ.
ލެޓްވިއާ، ލިތުއޭނިއާ އަދި ސައިޕްރަސް އިން ވެސް ވެކްސިން ދޭން ކުރިޔަށް ގެންދަން ނިންމާފައިވާއިރު، ސްޕެއިން އިން ބުނިގޮތުގައި އެ ގައުމުން ދަނީ އަދި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރަމުންނެވެ.
ޔޫރަޕުގެ 30 ގައުމެއްގެ 20 މިލިއަން ކޭސްތައް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވަނީ ރިވިއުކޮށްފަ އެވެ.
ބްރިޓިޝް މެޑިސިންސް އެންޑް ހެލްތްކެއާ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބުނިގޮތުގައި 11 މިލިއަން ކޭސް އިން ފަސް މީހަކު ވަނީ އާންމު ނޫން ސިކުނޑީގެ ލޭގަނޑުވުމުގެ މައްސަލަ ރިޕޯޓު ކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ވެކްސިނާއި ލޭގަނޑުވުމުގެ ކޭސްތަކާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭތީ ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް މި އޭޖެންސީން އިރުޝާދު ދީފައިވެ އެވެ.
އެސްޓްރާޒެނިކާ ވެކްސިނަކީ ކޮވިޑް ވެކްސިންތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފެއްދި ވެކްސިންތަކުގެ ތެރެއިން އެއް ވެކްސިނެކެވެ. އަދި މިއީ އެންމެ އަގު ހެޔޮ އެއް ވެކްސިނެވެ.
އެސްޓްރާޒެނެކާއިން ބުނިގޮތުގައި 17 މިލިއަން މީހުންނަށް ވުރެ ގިނަ މީހުންނަށް ޔޫރަޕުގައި ވަނީ މި ވެކްސިން ޖަހައިފި އެވެ. ނަމަވެސް ލޭގަނޑުވުމުގެ ރިސްކް އޮތްކަން ފެންނަ އެއްވެސް ހެއްކެއް ނުލިބެ އެވެ.
ޑަބްލިއުއެޗްއޯ އިން އަދިވެސް މި ވެކްސިނަށް ސަޕޯޓުކުރާކަން މިދިޔަ ހަފްތާގައި ހާމަކޮށްފައިވެ އެވެ.